އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށް ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލުމްވެރިންކަމުގައި ޝެއިޚް އިލްޔާސް ހުސައިން އާއި ޑރ.މުހައްމަދު އިޔާޒު އަބްދުﷲ ލަތީފްގެ ބަހުގެ ހަމަލާތަކެއް ރައީސް ޔާމީންގެ ރަނިން މޭޓް ކަމަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އަމާޒުވެއްޖެ އެވެ.
ހިޔާނާތާއި ފަސާދައިގެ ތުހްމަތުތައް ކުރެވިފައިވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ހަމަޖެއްސެވިތާ މާގިނަ އިރުތަކެއް ނުވަނީސް މަޝްހޫރު އިލްމުވެރިޔާ ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިންނާއި ދީން ދެކެ ލޯބިކުރާ މީހުން އަބަދުވެސް "ޒާތީ މަންފާ" އަށް ވުރެ ބޮޑަށް ދީނާއި ޚިލާފަށް ކުރެވޭ ކަންކަމާއި އަނިޔާވެރިކަމާއި ނާއިންސާފާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅުވެރި ވާނެކަމީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށެވެ.
Dheenee ilmuverinnai dheen dheke loabikurameehun abadhuves zathee manfayahvure bodah dheenakhilafahkurevey kankamai aniyaverikamai naainsafai khiyanathai corruptionai fasadhai dhekolhuverivanekamee shakkehurikamehnooneve.
— Ilyas Hussain (@ilyaasipa) July 7, 2018
މި ޓްވީޓަށް ތާއިދު ކުރެއްވުމުގެ ގޮތުން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަބަދުވެސް އަމިއްލަ މަންފާއަށްވުރެ އިސްކުރަން ވާނީ ޖަމާއަތުގެ މަންފާކަމަށާއި އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށެވެ.
Abadhuves amilla manfaa ah vure iskuran vaany jama'ath ge manfaa. Aniyaaveri akah eheetheri vegen libeyne manfaa eh noannaane.
— Dr Mohamed Iyaz (@dr_iyaz) July 8, 2018
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް އައްޔަން ކުރެއްވި ފަހުން މި ދެ އިލްމުވެރިން ކުރެއްވި ޓްވީޓްގައި އެއްވެސް ބޭފުޅެއްގެ ނަން ގެންނަވާފައެއް ނުވެ އެވެ.
އަދާލަތު ޕާޓީގައި ކުރިން އުޅުއްވުމަށް ފަހު ސިޔާސީ ދާއިރާއަށް ދުރައްވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވާ ޑރ. ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސެވިކަން އިއުލާނު ކުރީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

ފަހަކަށް އައިސް މި ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ޑރ. އިޔާޒު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން ދީނީ ކަންތައްތަކަށް ސަމާލުކަން ދޭމިންވަރު އެނގި ފުދިއްޖެކަމަށެވެ. ޑރ. އިޔާޒު ވިދާޅުވީ އާ އަހަރު ފާހަގަކުރަން އޭކަން މިއުޒިކް ޝޯ ބޭއްވީ އެކަން ނުކުރަން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އާދޭސް ދަންނަވަނިކޮށް ކަމަށާއި މޫނު ބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކި ކުރީ އެކަން ނުކުރުމަށް އިލްމުވެރިން އާދޭސް ކުރަނިކޮށްކަމަށެވެ. ތުނބުޅި ދިގުކޮށް ފައިކުރި ކުރުކޮށްފައި ތިބުމުން ވަޒީފާއިން ވަކިކުރި މޯލްޑިވްސް އިމިގްރޭޝަންގެ މުއައްޒަފުންނާއި ދޭތެރޭ ކަންތައް ކުރީވެސް ހަމަ އެގޮތަށް ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން މި ސަރުކާރުން ދީނީ ކަންކަމަށް އިސްކަންދޭ މިންވަރު އެނގި ފުދިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.