ރައްޔިތުންގެ ތާއިދު ރައީސް އަބްދުﷲ ޔާމީންނަށް ހޯއްދެއްވުމަށް އެމަނިކުފާންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ނިންމާއިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރައިން މޭޓަކަށް ޑރ މުހައްމަދު ޝަހީމް ހަމަޖެއްސެވުމުން އެމަނިކުފާނަން ތާއިދު ހޯދެއްވުމަށް އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދަތުރު ކުރެއްވުމަށް ޝަހީމް ނިންމަވާފައިވާ ކަމަށް އެޕާޓީގެ ނައިބް ލީޑަރ އަބްދުލްރަހީމް އަބްދުﷲ ވިދާޅުވި އެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ އެޕާޓީން ރަނިން މޭޓަކު ކަނޑައެޅުމާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"މާދަމާއިން [އާދީއްތަ ދުވަހު] ފެށިގެން ރާއްޖޭގެ ކަންކޮޅުތަކަށް ވަޑައިގަތުމުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގެ ވާހަކަ އަޅުގަނޑުމެން ގާތު ވިދާޅުވި ދެންމެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށާއި ޕީޕީއެމަށް ފެންނާނެ އެންމެ ވަފާތެރި ނައިބު ރައީސަކަށް ޝަހީމް ވެގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޕީޕީއެމްގެ ކައުންސިލުން ނިންމި ނިންމުން ޝަހީމް އުފަލާއި އެކު ބަލައިގަތް ކަމަށާއި، އެޕާޓީއާއި އެކު ކުރިއަށް ވަޑައިގެން ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބުކޮށްދިނުމަށް ޖޯޝުގައި އެމަނިކުފާން ހުންނެވި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ޝަހީމް ވަނީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރައްވައިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ރައީސް ޔާމީން ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވުމަށް ފަހު ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން، ޝަހީމް އައްޔަން ކުރެއްވި އެވެ. އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމަށް އޭނާ ބަދަލު ކުރެއްވީ 2016 ވަނަ އަހަރު އެވެ.
ކުރިން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރުކަށް ހުންނެވި ޝަހީމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ ސިޔާސީ މަސްރަހުން ދުރުވެ، ދީނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެ ވިދާޅުވި ގޮތަށް ނުހުންނަވައި، ސިޔާސީ ދާއިރާއިން އަލުން ފެނިގެން ގޮސްދާނެ ކަމަށް ޝަހީމް ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށް ހުރިހާ ރަށަކަށް ޝަހީމް ވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، 2013 ވަނަ އަހަރު ވެސް ރައީސް ޔާމީނަށް ވުރެ ބޮޑަށް ކެމްޕެއިންގައި އުޅުއްވި ތަން ފެނިގެން ދިޔައީ އެ މަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް ދެ ނައިބު ރައީސުން މަގާމުން ވަކިކުރައްވާފައިވަނީ ރައީސް ޔާމީނެވެ.
ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިހާބު ބާއްވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ދޮރުން ދޮރަށް ކެމްޕެއިން މިހާރު ވަނީ ފައްޓަވައިފަ އެވެ. ނަަމަވެސް ރައީސް ޔާމީން އަދި ދޮރުން ދޮރަށް ކެމްޕެއިންގައި އެއްވެސް ގެއަކަށް ވަޑައެއްނުގަންނަވައެވެ. އެ މަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީ ހަތިޔާރު އެޅި ސިފައިންނާއެކު އެވެ.