ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޙާބެއް ލިބޭނެ ކަމުގެ އުންމީދެއް އަދިވެސް ނެތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް އޭނާ ގަބޫލުކުރައްވާނީ އެ އިންތިހާބު ނިމި ނަތީޖާ އިއުލާންކުރުމުން ކަމަށެވެ. ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާއަށް ބަލާއިރު، ސިޔާސީ ގޮތުން އިތުބާރު ކުރެވޭނެ އެއްވެސް ކަމެއް އަމަލީ ގޮތުން ސަރުކާރުން ނުދައްކާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް އަދިވެސް ލިބިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުފެނޭ، މިއަދާ ހަމައަށް ވެސް ފެނިގެން ދިޔަ މަންޒަރުތަކަށް ބަލާއިރު" ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ނިޒާރު ވިދާޅުވިއެވެ.
ރައްޔިތުންގެ ތާއިދު ހޯއްދެވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ގާތަށް ވަޑައިނުގެން، އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމްއިން ޖަހާ ހިސާބު ގޯސް ކަމަށް ނިޒާރު ވިދާޅުވި އެވެ. ނިޒާރު މިހެން ވިދާޅުވިއިރު، މީގެ ދުވަސްކޮޅެއް ކުރިން، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓުން ވޯޓުން ކަމަށެވެ. ނަމަވެސް، ވައްކަމާއި ހިޔާނާތުގެ ތުހްމަތުތައް މި ސަރުކާރުގެ މައްޗަށް އިންތިހާއަށް ކުރެވިފައިވާއިރު، މި ހަފުތާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ 60 ޕަސެންޓުން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ނިޒާރު ވިދާޅުވީ ރައީސް ޔާމީނަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައްޔިތުންގެ ތާއިދު ހޯއްދެއްވުމަށް މާބޮޑު ކެމްޕެއިނެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީންގެ އަމަލުތައް ހުންނަވާނެ ކަމަށް ގަބޫލުކުރައްވަނީ ކުރިން ވެސް ކަންކުރެއްވި އުސޫލުން ކަމަށް ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމީންނަށް ތާއިދު ހޯއްދެއްވުމަށް ނިމިދިޔަ އިންތިހާބުގައި މަސައްކަތްޕުޅު ކުރެއްވީ ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފު ފަދަ ބޭފުޅުން ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ދުވަހު ރައީސް ޔާމީން ފެނިވަޑައިގެންނެވީ ޑިމޮކްރަސީގެ ހަމަލާތަކާއި އުސޫލުތަށް ގަބޫލުނުކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށާއި، ގާނޫނު އަސާސީ ފުނޑާލި ބޭފުޅެއްގެ ގޮތުގައި ކަމަށް ނިޒާރު ވިދާޅުވި އެވެ. އެހެންކަމުން މިއަދު ފެނިގެންދާ މަންޒަރުތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކަންވާނެ ގޮތާއި މެދު އެއްޗެކޭ ވިދާޅުވަން ދަތިކަމަށް ނިޒާރު ވިދާޅުވިއެވެ.