ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ، މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރެއްވީ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް އެޕާޓީން ބުނެފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމަށް ފަހު ޕީޕީއެމުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ލީޑަރު އަބްދުއްރީމް އަބްދުﷲ ވިދާޅުވީ ރަނިން މޭޓުގެ ނަންފުޅު ޕީޕީއެމްގެ ކައުންސިލަށް ރައީސް ޔާމީން ގެންނެވުމުގެ ކުރިން އެމްޑީއޭގެ ލީޑަރު ސިޔާމާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އެމްޑީއޭއާ މަޝްވަރާކުރެއްވި ކަމަށް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވިކަމަށް އަދުރޭ ވަނީ ވިދާޅުވިއެވެ.
"ރައީސް ވިދާޅުވި ތިމަންނަ މިރޭ ކައުންސިލަށް ނަންފުޅު ގެންނެވުމުގެ ކުރިން، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި މަޝްވަރާ ކުރެއްވި ވާހަކަ، އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ލީޑަރުންގެ ފެންވަރުގައި އެންމެ އިސް ލީޑަރުންގެ ފެންވަރުގައި މަޝްވަރާތަކެއް ކުރެއްވި ކަމަށް، ޝެއިހްގެ ނަންފުޅު ކައުންސިލަށް އެއައީ، ރަނިން މޭޓް އިޙްތިޔާރުކުރުމަކީ ރިޔާސީ ކެންޑިޑޭޓަށް އޮންނަ ޙައްގެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވިއެވެ.
ޝަހީމްގެ ނަންފުޅު ކައުންސިލަށް ރައީސް ޔާމީން ހުށައެޅުންވީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނަވާފައިކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ މި ނިންމެވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ދިމާވާނެ ގޮންޖެހުންތަކާއި މެދު ވެސް ރައީސް ޔާމީން ވިސްނަވާފައި ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ނައިބް ރައީސް ޖިހާދު ހަމަނުޖެއްސެވީ އެމަނިކުފާނަން އިތުބާރު ނެތިގެން ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. ޕީޕީއެމުން އެކި މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަބަދުވެސް ބަލަނީ ވަގުތަކާއި ޙާލަތަށް ކަމަށާއި، މި ވަގުތަށް ބަލާއިރު ރަނިން މޭޓަކަށް ގެންނަން ރައީސް ޔާމީނަން ފެނިވަޑައިގެންންވި އެންމެ ރަނގަޅު ބޭފުޅަކީ ޝަހީމްކަމަށް އަދުރޭ ވިދާޅުވިއެވެ.