ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.
ރަނިންމޭޓަކަށް ޝަހީމް ހަމަޖެއްސެވިކަން ރައީސް ޔާމީން އިއުލާން ކުރެއްވި މިރޭ ކުއްލި ގޮތަކަށް ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައެވެ.
އަދާލަތު ޕާޓީގެ ތެރެއިން ސިޔާސީ މަސައްކަތް ފެއްޓެވި ޝަހީމް ވަނީ ރައީސް ވަހީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން އަދަލާތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރު ކުރުމާ ގުޅިގެން، އެ ޕާޓީގެ ނިންމެވުމަށް ޔާމީންގެ ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވުމަށްފަހު، ޝަހީމް ހުންނެވީ ސިޔާސީ ދާއިރާއާ ދުރުގައެވެ. އަދި އަދާލަތު ޕާޓީގެ މަގާމުތަކުން އިސްތިއުފާ ވެސް ދެއްވުމަށްފަހު، 2015 ވަނަ އަހަރުގެ ފަހުކޮޅު އެ ޕާޓީން ވެސް އޭނާ ވަނީ ވަކިވެވަޑައިގެންފައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވެވި ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީގެ ދެ ވަނަމަ ޗާންސެލަރެވެ.