ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 17:07
އީލަން މަސްކް
އީލަން މަސްކް
ގެޓީ އިމޭޖަސް
ހޮހަޅައިގައި ތާށިވުން
ހޮހަޅައިގައި ތާށިވެފައިވާ ތިބި ކުދިން ސަލާމަތްކުރުމަށް އީލަން މަސްކް އެހީތެރިވާން ބޭނުންކަން ހާމަކޮށްފި
12 ކުދިންނާއި އެކުދިންގެ ކޯޗު ހޮހަޅައިގައި ތާށިވެފައި ތިބޭތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި
މަސްކްގެ ކުންފުނިތަކުގެ އޮފިޝަލުން ތައިލެންޑަށް ފޮނުވަން ވަނީ ތައްޔާރުވެފައި

ތައިލެންޑްގެ ޗިއަންގްރާއީގެ ފަރުބަދައެއްގެ ހޮހަޅައެއްގައި ތާށިވެފައިތިބި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ޓީމުގެ ކޯޗު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވާން ބޭނުންކަން ބިލިއަނަރު އީލަން މަސްކް ހާމަކޮށްފިއެވެ.

ޓެސްލާ އަދި ސްޕޭސް-އެކްސް ކުންފުނީގެ ވެރިޔާ، މަސްކް ވަނީ ތައިލެންޑްގެ ސެޓެލައިޓް ކުންފުންޏެއްކަމަށްވާ މޫ ސްޕޭސް ކޯޕަރޭޝަން މެދުވެރިކޮށް ތައިލެންޑްގެ ސަރުކާރަށް އެހީ ހުށަހަޅާފައެވެ. އަދި މިވަގުތު ޗިއަންގްރާއީގައި ތިބި ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ އަލީގައި ތައިލެންޑަށް ފޮނުވަން ޖެހޭ ސްޕޭސް-އެކްސް ނުވަތަ މަސްކްގެ ދަ ބޯރިންގ ކޮމްޕެނީގެ ޓީމެއް އެމެރިކާއިން ޗިއަންގްރާއީއަށް ފޮނުވާނެކަމަށް ދަ ބޯރިންގ ކޮމްޕެނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ދަ ބޯރިންގ ކޮމްޕެނީއަކީ ބިމުގެ އަޑުން ދަތުރުކުރުމަށް އައު ޓެކްނޮލޮޖީތައް އީޖާދުކުރާ ކުންފުންޏެއްކަމުން ތަންތަން ކޮނުމުގެ ޤާބިލްކަން އެކުންފުނީގައި ހުންނާނެކަމަށް މަސްކް ފާހަގަކުރިއެވެ. މީގެ އިތުރުންވެސް އެހެން ބައެއް ގޮތުން ހޮހަޅައިގައި ތާށިވެފައިތިބި ކުދިން ސަލާމަތްކުރަން މަސައްކަތްކުރެވިދާނެ ގޮތްތައް މަސްކް ވަނީ ޓްވިޓަރގައި ހާމަކޮށްފައެވެ. 

12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ކޯޗު މިހޮހަޅައިގައި ތާށިވިތާ 2 ހަފްތާވެފައިވާއިރު، އެކުދިން އެތަނުން ނެރޭނެ ގޮތެއް ހޯދުމަށް ތައިލެންޑްގެ ސިފައިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެކުދިން ހޮހަޅައިގައި ތާށިވީ ހޮހަޅަތެރޭގައި ހައިކް ކުރަނިކޮށް ކުއްލިއަކަށް ބޯކޮށް ވާރޭވެހި، ހޮހަޅައިގައި ފެންބޮޑުވުމާއި ގުޅިގެންނެވެ. 

ޑައިވްކޮށްގެން އެކުދިން ނެރެން މަސައްކަތްކުރަން ނޫން ގޮތެއް މިވަގުތަށް ފެންނަން ނެތްއިރު، އެއީ ނުރައްކާތެރި ކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. ތާށިވެފައިތިބި ކުދިންނަށް އޮކްސިޖަން ފުޅި ފޯރުކޮށްދޭން މަސައްކަތްކުރި ތައިލެންޑްގެ ނޭވީ ސީލް ޑައިވަރަކު މީގެ ދެ ދުވަސްކުރިން މަރުވުމާއި ގުޅިގެން އެކަމުގެ ނުރައްކާތެރިކަން އިތުރަށްވަނީ ހާމަވެފައެވެ. ހޮހަޅައިން ފެން ހިނދެންދެން މަޑުކުރަން ޖެހިއްޖެނަމަ އޮކްޓޯބަރު މަހުގެ ނިޔަލަށް މަޑުކުރަން ޖެހިދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ދުވަސްވަރަކީ އުތުރު ތައިލެންޑަށް ވިއްސާރަ މޫސުމުގެ ދުވަސްވަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް