ނ. ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފިއެވެ.
އެމްއެންޑީއެފްގެ އިންފޯރމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ކޯސްޓްގާޑުގެ މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ 14:53 ގައި ކަމަށެވެ.
އާޒިމް ވިދާޅުވީ ކުޑަފަރީ ފަރަށް އަރާފައި ވަނީ "ރާދަފަތި" ނަމަކަށް ކިޔާ ޓަގަކާއި "ސިންގާސަނާ" ނަމަކަށް ކިޔާ ބާޖެއް ކަމަށެވެ.
އާޒިމް ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މި ދެ އުޅަނދުގައި ޖުމްލަ ނުވަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބިދޭސީއަކު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ އެ އުޅަނދު ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތުން ކުރަމުންދާ ކަމަށެވެ.