ގުޅިފައިވާ ޕާޓީތަކާ އެކު އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނުކުމެ މި ތިބީ ގައުމީ މަސައްކަތަކަށް ކަމަށާއި ގުޅިގެން ކުރާ މަސައްކަތުގައި ފަސޭހައިން ކާމިޔާބު ލިބޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް "ދޮރުން ދޮރަށް" ހަރަކާތް ފެށުމަށް އެމްޑީޕީ ހަރުގޭގައި ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެ ބޭފުޅުން ނުކުމެ ތިބީ އަނިޔާވެރިކަން ނައްތާލުމަށް ކަމަށެވެ. އެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ބޭނުންވަނީ ހަލޮބޮލިކަން ނައްތާލައި ހަމަޖެހުން ރާއްޖެއަށް ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" އަޅުގަނޑުމެން ބޭނުންވެގެން ނުކުމެ މިތިބީ، މި ގައުމުން އަނިޔާވެރިކަން ނައްތާލަން. އަޅުގަނޑުމެން ބޭނުންވަނީ ހަލަބޮލިކަން ނައްތާލައި ހަމަޖެހުން މި ގައުމަށް ގެންނަން. އަޅުގަނޑުމެން ބޭނުން ވަނީ ބިރުވެރިކަން ނައްތާލައި، އުފަލާ އެކީގައި އުޅެވޭނެ ދުވަހެއް ހޯދުން،" އިބޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާ އެކު ކުރާ މަސައްކަތުގައި ފަސޭހައިން ކާމިޔާބު ލިބޭނެ ކަމަށާއި އެ ކާމިޔާބީ ހޯދުމަށް ހިތްވަރާ އެކު ކުރިއަށް އޮތް "ދެތިން މަސް ތެރޭގައި" މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރަނިންމޭޓެއް ލިބުމާ އެކީގައި ކޯލިޝަންގެ ބައިވެރިންނާ އެކު އެ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގުޅިގެން މި ކުރާ މަސައްކަތުގައި ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް މިކަން ކޮށްލެވޭ ތަން ފެނިގެންދޭ. ކުރަންވީ ކަމަކީ ހިތްވަރާއެކީގައި ކުރިއަށް މިއޮތް ދެތިން މަސް ދުވަހު، މަސައްކަތް ކޮށްލުން. ރަނިންމޭޓެއް ލިބުމާއެކީގައި ކޯލިޝަންގެ ހަރަކާތްތެރިންނާއެކުގައި މި މަސައްކަތް އިތުރަށް ފުޅާވެގެންދާނެ،" އިބޫ ވިދާޅުވިއެވެ.
ރިޔާސީ ކެންޕެއިންގެ ހަރަކާތްތައް ދޮރުން ދޮރަށް ފެށުމާ ގުޅިގެން، އިބޫ ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އެއީ ކަމަށެވެ. މާލޭގެ ގެތަކަށް ގޮސް، އިމާރާތްތަކަށް އަރައި ފޭބުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ސަޕޯޓަރުންގެ ބުރަ މަސައްކަތާ އެކު ކަނޑައަޅާފައި މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"މާލޭގެ ގޭއަށް ގޮސް، ގޭގެއަށް ވަދެ، އަރައި ފައިބާ އުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެހެން ނަމަވެސް މި ބުރަ މަސައްކަތަކީ އަޅުގަނޑުމެންގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތް. އަޅުގަނޑު ޔަގީންކުރަން، ތިޔަ ހުރިހާ ބޭފުޅުން މިކަމުގައި އަމަލީ ގޮތުން ބައިވެރިވެ، މިކަންކޮށް އަޅުގަނޑުމެން ބޭނުންވާ ދުވަހަށް ނިންމާލެވޭނެ ކަމަށް. އަޅުގަނޑުމެން ކުރަން ނުކުމެ މިތިބީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް،" އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 791 މެމްބަރުންގެ އިއްތިފާގުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވި އިބޫ ވިދާޅުވިއެވެ.
އިބޫއަށް ތާއީދު ހޯދުމުގެ ގޮތުން، "ދޮރުން ދޮރަށް" ހަރަކާތް މާލޭގައި ފެށީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އެގޮތުން އެމްޑީޕީގެ ޓީމުތަކާ އެކު ހެންވޭރުގެ ގެތަކަށް އިބޫ ވަޑައިގެންނެވިއެވެ.