އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ގުޅިފައިވާ ޕާޓީތަކުން އެއްބަސްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ތާއިދު ހޯދުމަށް ދޮރުން ދޮރަށް ކެމްޕެއިން އެމްޑީޕީން ފަށައިފިއެވެ.
އިބޫއަށް ތާއިދު ހޯދުމުގެ ގޮތުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތް ފެށީ ހޮނިހިރު ދުވަހުގެ ހެނދުނު އެމްޑީޕީ ހަރުގޭގައި ބޭއްވި ރަސްމިއްޔާތަކުންނެވެ. އެއަށް ފަހު ކެމްޕެއިންގައި ފުރަަތަމަ ވަޑައިގަތީ ހެންވޭރު ބައެއް ގެތަކަށެވެ. އިބޫ ވެސް ބައިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ރިޔާސީ ކެންޑިޑޭޓުގެ ސްޕޯކްޕާސަން މާރިޔާ އަހުމަދު ދީދީ ވަނީ ސަރުކާރު ހިންގާ ޕާޓީން މާލޭގައި ދޮރުން ދޮރަށް ހިންގާ ހަރަކާތަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ދޮރުން ދޮރަށް ހަރަކާތް ހިންގާނީ "އަމާބުނީތީ ފަރަށްދާ އުސޫލުން ނޫން" ކަމަށެވެ.
"އަޅުގަނޑުމެން ހޯދާފަ މިތިބެނީ ގޭ ދޮށު މީހުން. މި ވަންނަނީ އަޅުގަނޑުމެން ރަހުމަތްތެރި ގޭގެއަށް. އަޅުގަނޑުމެން ވަންނަމުން ވެސް އެ މީހުންގެ ގާތުގައި އަޅުގަނޑުމެން ވަދެލިޔަސް ހެޔޮތޯ އަހާ، އެ ހުއްދަ ކުރާ ތަންތަނަށް އަޅުގަނޑުމެން ވަންނަނީ. އެ ނޫން ގޮތަކަށް ގަދަކަމުން އައިސް ފާހެއް ދީފައި، އަމާބުނާތީ ފަރަށްދާ ގޮތަށް ކުރާ ކަމެއް ނޫން،" މާރިޔާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުގައި ފަސޭހަ ކަމާއެކު ކާމިޔާބު ލިބޭނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ބިރުވެރިކަން ނައްތާލާ އުފަލާއެކީގައި މިރާއްޖޭގައި އުޅެވޭނެ ދުވަހެއް ހޯދުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގުޅިގެން މި ކުރާ މަސައްކަތުގައި ވަރަށް ފަސޭހައިން މިކަން އަޅުގަނޑުމެންނަށް ކޮއްލެވޭތަން ފެނިގެންދާނެ،" އެމްޑީޕީގެ ކޮންގްރެސްގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 791 މެމްބަރުންގެ އިއްތިފާގުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވި އިބޫ ވިދާޅުވިއެވެ.