މިސަރުކާރުން ދީނީ ކަންތައްތަކަށް ސަމާލުކަން ދޭމިންވަރު އެނގި ފުދިއްޖެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު ހުކުރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ އަހަރު ފާހަގަކުރަން އޭކަން މިއުޒިކް ޝޯ ބޭއްވީ އެކަން ނުކުރަން އިސްލާމިކް މިނިސްޓަރ އާދޭސް ދަންނަވަނިކޮށް ކަމަށާއި މޫނު ބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކި ކުރީ އެކަން ނުކުރުމަށް އިލްމުވެރިން އާދޭސް ކުރަނިކޮށްކަމަށެވެ. ތުނބުޅި ދިގުކޮށް ފައިކުރި ކުރުކޮށްފައި ތިބުމުން ވަޒީފާއިން ވަކިކުރި މޯލްޑިވްސް އިމިގްރޭޝަންގެ މުއައްޒަފުންނާއި ދޭތެރޭ ކަންތައް ކުރީވެސް ހަމަ އެގޮތަށް ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން މި ސަރުކާރުން ދީނީ ކަންކަމަށް އިސްކަންދޭ މިންވަރު އެނގި ފުދިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އިޔާޒު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ހެޔޮ އެދުމަކީ ނުބައި މަގަކުން ދާއިރު އެކަމަށް އިންކާރު ކުރުންކަމަށެވެ.
ޑރ. އިޔާޒު މިގޮތަށް ޓްވީޓު ކުރައްވާފައި މިވަނީ މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މީހުންނަން އަލުން ވަޒީފާ ދިނުމަށް ޝައިޙް އަލީ ޒައިދު ގޮވާލާލައްވާފައި ވަނިކޮށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމުމާއި ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަން އިޙްތިރާމް ކުރަން ޖެހޭކަމަށެވެ. ޝައިހް އަލީ ޒައިދު ވިދާޅުވީ މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒިފުންނަށް އަލުން ވާޒިފާ ދިނުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާކަމަށެވެ.