އަދާލަތު ޕާޓީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ނެރޭ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް އަންހެނަކު ހަމަޖެއްސުމަކީ އެ ޕާޓީއަށް ގަބޫލު ކުރަން ދަތިވާނެ ކަމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އަދާލަތު ޕާޓީގެ މެމްބަރުންނާއި ހުކުރު ދުވަހުގެ ރޭ ބައްދަލު ކުރެއްވުމަށްފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ އަންހެނަކު ވެރިއަކަށް ހަމަޖެއްސުމާ ގުޅޭ ގޮތުން އެ ޕާޓީގެ ދީނީ އިލްމްވެރިން ދެކޭ ގޮތް އެޕާޓީގެ އިސްވެރިންނާ ހިސާބަށް އައިސްފައިވާކަމަށެވެ.
"ގިނަ އިލްމްވެރިން އަޅުގަނޑުމެންނަށް ލަފާއަރުވަނީ ގައުމެއްގެ ވެރިއަކަށް، އެންމެ އިސްވެރިއަކަށް ދީނީ ގޮތުން ބަލާއިރުގައި އަންހެން ބޭފުޅަކު އިސްކުރުމަކީ ގިނަ އިލްމުވެރިން ދެކިވަޑައިގަންނަވާ އިނގޭތޯ. އެއީ އަޅުގަނޑުމެނާ ހަމައަށް ލަފާ އަރުވާފައިވާ ގޮތް. ދެން އެކަމާމެދު އަދާލަތު ޕާޓީން އަޅުގަނޑުމެންނާ ހަމައަށް އަންނަ ނަމަކާމެދު ވަކިން ގޮތެއް ނިންމަވާނެ. މިދެންނެވީ އަޅުގަނޑުމެނަށް ލަފާއަރުވާފައިވާ ގޮތް،" އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު މިހެން ވިދާޅުވިއިރު މި ބައްދަލުވުމުގައި ވެސް ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތަކުރާރުކޮށް ވިދާޅުވީ ކޯލިޝަނުން ނެރޭ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ހަމަޖެއްސުމަށް ޖުމްހޫރީ ޕާޓީން ހުށަހައަޅާ ބޭފުޅަކު ގަބޫލު ކުރެއްވޭނީ ކޯލިޝަނުގެ ހިމެނޭ ހުރިހާ ޕާޓީއަކުން އެެ ބޭފުޅަކާމެދު ރުހުން އޮތް ނަމަ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ހުށަހަޅާ ބޭފުޅަކާ މެދު އެއްވެސް ޕާޓީއަކުން ނުރުހޭނަމަ އެ ނަމެއް ގަބޫލު ނުކުރެއްވޭނެ ކަމަށް ވެސް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ކަމުން އަލީ ޒާހިރުގެ ވާހަކައިން ޖުމްހޫރީ ޕާޓީން އަންހެނަކު ރަނިންމޭޓަކަށް ހުށަހެޅި ނަމަވެސް އަދާލަތު ޕާޓީން ގަބޫލު ނުކުރާނެ ކަމަށް ބެލެވެ އެވެ.
ޖުމްހޫރީ ޕާޓީން ރަނިންމޭޓަކަށް ހުށަހަޅާނެ ބޭފުޅަކު އަންނަ ހަފްތާގައި ކަނޑައަޅަން ހަމަޖައްސާފައިވާއިރު އިބޫ ވިދާޅުވީ ޖުމްހޫރީ ޕާޓީން ހުށައަޅާ ބޭފުޅަކާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅޭނެ ކަމަށެވެ.
އަންހެނަކު ރަނިންމޭޓަކަށް ހުށައަޅައިފި ނަމަ އެކަން ގަބޫލުކުރަން ދަތިވާނެ ކަމަށް އަދާލަތު ޕާޓީން ބުނިއިރު ރަނިންމޭޓަކަށް އެ ޕާޓީ އުފެއްދެވި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިމިނަތު ނަހުލާ ކަނޑައަޅަން ފެންނަ ކަމަށް އެ ޕާޓީގެ ބައެއް އިސްވެރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޕާޓީގެ ތެރޭގައި ވެސް ބައެއް މީހުން ދަނީ ކޯލިޝަނުން ނެރޭ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ނަހުލާ ހަމަޖެއްސުމަށް ކެމްޕެއިން ކުރަމުންނެވެ.