ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 06:17
ފްރާންސް ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމާއެކު ކުޅުންތެރިން އުފާފާޅުކުރަނީ
ފްރާންސް ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމާއެކު ކުޅުންތެރިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: ސެމީގެ ފުރަތަމަ ޖާގަ ފްރާންސް ކަށަވަރުކޮށްފި
މިއީ ފްރާންސްގެ ހަވަނަ ސެމީ ފައިނަލް
ި ފްރާންސްއިން ވަނީ 2-0 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކޮށްފައި

ފީފާ ވާރލްޑް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް އުރުގުއޭ ބަލިކުރުމަށްފަހު ފްރާންސްއިން ޖާހަ ހޯދައިފިއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސްއިން ވަނީ 2-0 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކޮށްފައެވެ. ނިޒްނީ ނޮވްގްރޮޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވެގެންދިޔީ މި ދެ ޓީމުގެ މެދުގައި ވާރލްޑް ކަޕެއްގައި ކުޅެވުނު ހަތަރުވަނަ މެޗަށެވެ. މި މެޗާއި ކުރިމަތިލިއިރު ވާރލްޑް ކަޕްގައި ދެކުނު އެމެރިކާއަށް ނިސްބަތްވާ ޓީމުތަކާއި ދެކޮޅަށް އެންމެފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. ހަމައެހެންމެ މިއީ 2010 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ފަހުން ވާރލްޑް ކަޕެއްގެ ކުއާޓާ ފައިނަލުން އުރުގުއޭ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މެޗުގައި އުރުގުއޭއިން ނެރުނު ފުރަތަމަ އެގާރައިން އަނިޔާގެ ސަބަބުން އެޑިންސަން ކަވާނީ ބާކީކުރިއިރު އޭނާގެ ބަދަލުގައި އެޓީމުގެ ފޯވާޑް ލައިނުން ފެނިގެންދިޔައީ ކްރިސްޓިއަން ސްޓުއާނީއެވެ. ފްރާންސްގެ ފުރަތަމަ އެގާރައިން ބްލެއިޒް މަޓުއިޑީގެ ބަދަލުގައި ފެނިގެންދިޔައީ ކޮރެންޓިން ޓޮލީސޯއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ. ޕައުލް ޕޮގްބާ ވެސް ގޯލަށް ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް އޭނާގެ ހަމަލާތައް ވެސް ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ފްރާންސްއިން ލީޑު ނެގީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މި ލަނޑު އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން ޖަހައިދިނީ ރަފައޭލް ވަރާންއެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އުރުގުއޭއަށް ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެފުރުސަތުގެ ބޭނުން އެޓީމަށް ހިފިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ފްރާންސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ފްރާންސްއިން ވަނީ މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އެހެން ނަމަވެސް އުރުގުއޭގެ ކުޅުންތެރިން ވަނީ ކައުންޓާގައި ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. ފްރާންސްގެ ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ގްރީޒްމަން ޖެހިއިރު މި ހަމަލާ ދިފާއުކުރުމުގެ ފުރުސަތު އުރުގުއޭގެ ކީޕަރަށް ލިބުނެވެ. އޭގެފަހުން ވެސް ފްރާންސްގެ ކުޅުންތެރިންނަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗު ވެގެންދިޔައީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން އުރުގުއޭ ކުޅުނު މެޗެއްގައި ސުއަރޭޒް އަދި ކަވާނީ އެކުގައި ފެނިގެންނުދިޔަ ފުރަތަމަ މެޗެވެ. ފްރާންސްގެ ފުރަތަމަ ލަނޑު މި މެޗުގައި ޖެހި ރަފައޭލް ވަރާން މިހާތަނަށް ފްރާންސަށް ޖަހައިދިން ތިން ލަނޑަކީ ވެސް ބޮލުން އޭނާ ކާމިޔާބުކުރި ލަނޑުތަކެކެވެ. މީގެއިތުރުން ފްރާންސްގެ ވެގެންދިޔައީ 1974 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން އެއް ވާރލްޑް ކަޕެއްގައި ދެކުނު އެމެރިކާއަށް ނިސްބަތްވާ ތިން ޓީމު ބަލިކުރުމަށްފަހު ސެމީއަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.

މިއީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ފްރާންސް ސެމީއަށް ދަތުރުކުރި ހަވަނަ ފަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް