ދިވެހިރާއްޖޭގެ މަސްރަހާއިމެދު ކަންބޮޑުވުން ފާޅުކޮށް، ދިވެހި ސަރުކާރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް މެމްބަރުން ޔޫރަޕިއަން ކޮމިޝަނަށް އަނެއްކާވެސް ގޮވާލައިފިއެވެ.
އީޔޫ ޕާލަމެންޓްގެ ބައެއް މެމްބަރުން މިކަމަށް ގޮވާލައްވާފައިވަނީ ފަރަންސޭސިވިލާތުގެ ސްޓްރަސްބަރގްގައި މިހާރު ކުރިއަށްދާ ޔޫރަޕިއަން ޕާލަމެންޓް ސެޝަންގެ ހަވާސާގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއިއެކު ބޭއްވި ބައްދަލުމެއްގައެވެ.
ޑރ. ޖަމީލްއާއި ބައްދަލުކުރެއްވި މެމްބަރުން ވަނީ ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒު އިންތިހާއަށް ވަދެފައިވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށް ވިލާތުގެ އިއްތިޙާދުންނާއި ބައިނަލްއަޤްވާމީ މުޖްތަމައުން ގޮވާލާ ގޮވާލުންތަކަށް ދިވެހި ސަރުކާރުން އިޖާބާ ނުދޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މީޑިއާތަކާއި އާއްމު ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތަކަށް އަރައިގަންނާތީވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
At @Europarl_EN yesterday, I had the opportunity to brief a number of MEPs about #Maldives human rights situation. With the situation further deteriorating, September elections won't be free & fair. Maldivian people look to @EUCouncil for support. pic.twitter.com/AQ0NzOa0kh
— Mohamed Jameel Ahmed (@MJameelAhmed) July 5, 2018
މީގެ އިތުރުން ރާއްޖޭގެ ޙާލަތު މިހާރު އޮތް ގޮތުން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމަށްވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ފާހަގަކުރެއްވިއެވެ.
މިދިޔަ މާރޗްމަހު ރާއްޖޭގެ މައްސަލައިގައި ޔޫރަޕިއަން ޕާލަމެންޓުން ކަންބޮޑުވުން ފާޅުކޮށް، ގިނަ ކަންތައްތަކެއް އިސްލާހުުކުރަން ގޮވާލާ ޤަރާރެއް ފާސްކޮށްފައިވެއެވެ. ޑރ. ޖަމީލްއާއި ބައްދަލުކުރެއްވި ބައެއް މެމްބަރުން ވަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިތުރު ޤަރާރެއް ފާސްކުރުމަށް ތާޢީދުކުރައްވާފައެވެ.
މިބައްދަލުވުމުގައި ޑރ. ޖަމީލް ވަނީ ސަރުކާރުން އިންތިޚާބާއި ދިމާކޮށް ހިންގަމުންދާ ބައެއް އަމަލުތަކުގެ ތަފްޞީލުތައް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުންނާއި ހިއްސާކުރައްވާފައެވެ. ޚާއްސަ ގޮތެއްގައި ހާލަތުއްޒަރޫރާއޭ ބުނެ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް މަޖިލިސް ތެރެއިން ގެންނަވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނާއިމެދު ދިވެހި ރައްޔިތުން ކިތަންމެ ނުރުހުނަސް، ބައިނަލްއަޤްވާމީ މުޖްތަމައުން ސަމާލުވެ ނެތްނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ސަރުކާރުން އޮޅުވާލާނެކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ބޭރުގެ ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި ޖިހާދުގެ ނަމުގައި ބައިވެރިވާ މައްސަލައިގައިވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެފަދަ ހަނގުރާމަތަކުގައި ބައިވެރިވެފައި އަންނަ ދިވެހިންނަށް ދިވެހިރާއްޖެއަށް އަނބުރާ އާދެވޭ މައްސަލައާއި، އެމައްސަލަތައް ބަލައި ފިޔަވަޅު ނާޅާ މައްސަލަވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.
ބައްދަލުކުރެއްވުންތަކަށްފަހު ޑރ. ޖަމީލުގެ ޝަރަފުގައި އިޓަލީވިލާތުގެ ނޭޕްލްސްއަށް ނިސްބަތްވެވަޑައިގަންނަވާ ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރެއްކަމަށްވާ ފުލްވިއޯ މަރޓުސިއޭލޯ ވަނީ އެހެން ބައެއް މެމްބަރުންނާއިއެކު މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައެވެ.