ދެހާސް ނަވާރަ ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދެން ބާއްވާ ކައުންސިލް އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ތައާރަފުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިހާރު ޗައިނާގައި ހުންނެވި އީސީގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ، އެ ކޮމިޝަންގެ ޓީމެއް ޗައިނާގެ ގުއަންޒޫއަށް ޒިޔާރަތްކުރީ، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ފަހު ދެން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އީވޯޓިން ބޭނުންކުރުމަށްޓަކައި، އެކަމާ ގުޅޭ ކުންފުންޏަކާ މަޝްވަރާކޮށް، ކަންކަން ދެނެގަތުމަށް ކަމަށެވެ.
ޗައިނާގެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ އީސީގެ ރައީސް އަހްމަދު ޝަރީފާއި ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު އަދި އަކްރަމްގެ އިތުރުން ކޮމިޝަންގެ އައިޓީ ޑިޕާޓްމެންޓްގެ އިސް މުވައްޒަފެކެވެ.
"އަޅުގަނޑުމެން މިކޮޅަށް [ޗައިނާ] އަށް މިއައީ މިކޮޅުގައި ހުންނަ ސައުތު އެފްރިކާގެ ކުންފުންޏަކާ ބައްދަލުކޮށް އީވޯޓިންގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ބަލަން،" އަކުރަމް ވިދާޅުވި އެވެ.
އީވޯޓިން ތައާރަފުކުރުމާ ގުޅޭ ގޮތުން ކަންކަން ތަޖުރިބާކުރެއްވުމަށްޓަކައި އީސީގެ މެމްބަރުން މީގެ ކުރިން ދެކުނު ކޮރެއާ އަށް ވަޑައިގެންފައިވާއިރު، އަކްރަމް ވިދާޅުވީ އިންޑިއާ އާއި އެމެރިކާއަށް ވެސް ޒިޔާރަތްކޮށް އެ ދެ ގައުމުގެ އީވޯޓިން ނިޒާމު މަސައްކަތްކުރާ ގޮތް ދެނެގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ދަތުރު ތާވަލުކޮށްފައިވަނީ ކޮން ދުވަސްވަރަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އީވޯޓިންނާމެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތުމާއި އެ ނިޒާމަކީ ރާއްޖެ ފަދަ އާބާދީ މަދު، އަދި ވޯޓު ގުނުން ފަސޭހައިން ކުރިއަށް ގެންދެވޭނެ ގައުމަކަށް ބޭނުންތެރި ނިޒާމެއް ނޫން ކަމަށް ބުނެ، އެ ނިޒާމު ތައާރަފުކުރަނީ "ވޯޓު އޮޅުވާލުމަށް" ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް، އަކުރަމް ވިދާޅުވީ އީވޯޓިން ކުރިއަށް ގެންދާނީ ރައްޔިތުން އިތުބާރު ހުރި ގޮތަކަށް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ކޮންމެ ކަމެއް ވެސް ކުރާނީ ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އަކުރަމް މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި، އެބާރު ގާނޫނުއަސާސީ އީސީއަށް ލިބިފައިނުވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން އެ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ.