އިދިކޮޅު ހަތަރު ލީޑަރުން ފެއްޓެވި އިސްލާހީ މަސައްކަތް ކާމިޔާބުވުމާ ވަރަށް ގާތްވެއްޖެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
ރައީސް މައުމޫން ހައްޔަރުކޮށް، އެކަހެރިކޮށްގެން ގެންގުޅޭތާ 150 ދުވަސްވެފައި ވާތީ، އެކަމާ ކަންބޮޑުވުންފާޅުކޮށް ގުޅިފައިވާ ޕާޓީތަކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެންމެ ފަޤީރު ފަސް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައި ވަނިކޮށް ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުއްވީ ރައީސް މައުމޫންގެ މަސައްކަތްޕުޅުން ކަމަށެވެ. ރާއްޖެއަށް އެކި ރޮނގު ރޮނގުން ގިނަ ގުނަ ޚިދުމަތްތަކެއް ވަރަށް ދިގު މުއްދަތެއްގެ ތެރޭގައި ރައީސް މައުމޫން ކޮށްދެއްވާފައިވާ ކަމަށާއި ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއަށް ތަޢާރަފް ކޮށްދެއްވީ ވެސް ރައީސް މައުމޫން ކަމަށް ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައިވެއެވެ.
ޕާޓީތަކުގެ ބަޔާނުގައި ބުނެފައި ވަނީ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ އިންސާފުވެރި ޝަރީޢަތަކުން ކުށެއް ސާބިތުވުމަކާ ނުލައި ކަމަށާއި އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައި ހުރުމަކީ ޤައުމީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އުމުރުފުޅުން 80 އަހަރުވެފައި ވަނިކޮށް އަދި ތަފާތު ސިއްޙީ މައްސަލަ ތަކެއް ވެސް ތަހައްމަލު ކުރައްވަމުން ގެންދަވަނިކޮށް، އާއިލާ އާއި ދުރުގައި ހަމަ ގިނިކަންޔާ އެކަހެރިކޮށް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ އިންސާނީ ވަންތަކަމުގެ ގޮތުން ވެސް މުޅި ދިވެހި ޤައުމު ނުހަނު ބޮޑަށް ހިތާމަ ކުރާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ހޮއްވިފައިވާތީ އެކަމަށް އިޝާރާތްކޮށް، ޕާޓީތަކުގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންނަށް އިޚްލާޞްތެރި ބޭފުޅަކު އިންތިހާބަށް ނެރެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންގެ އެދުމަކީ، އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ދިވެހި ރައްޔިތުން ތާއީދުކޮށް ދެއްވުމެވެ. އަދި ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި މިހާރު މިއޮތް ސަރުކާރު ބަދަލުކުރުމަށްޓަކައި ސާބިތުކަންމަތީ ދިވެހި ރައްޔިތުން ތިއްބެވުމަށް އަޅުގަނޑުމެން އެންމެން ވަރަށްބޮޑު އިލްތިމާސް ކުރަމެވެ" ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައިވެއެވެ.
ރައީސް މައުމޫންގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ހައްޔަރު ކުރެވުނުތާ 150 ދުވަސްވެފައިވާ ކަމަށާއި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ބަންދުކޮށްފައި ހުންނަތާ މި މަހުގެ 18އަށް އެއް އަހަރު ވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާން ނިންމާލަމުން ބުނެފައި ވަނީ ހަތަރު ޕާޓީން ތިބީ އިސްލާޙީ މަސައްކަތުގައި ސާބިތު ކަމާއެކު ކަމަށާއި ޑިމޮކްރަސީގެ ހަރުދަނާ މަގަށް ރާއްޖެ އަނބުރާ ގެންގޮސް ދިނުމަށް ކަމަރު ބަނދެގެން ކަމަށެވެ. އެގޮތުން އަސާސީ ޙައްޤުތައް ހޯދައިދީ ޝަރުޢީ ދާއިރާ މިނިވަންކޮށް ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ދައުރު ފުރިހަމަށް އަދާ ކުރެވޭނޭ މަގު ޕާޓީތަކުން ތަނަވަސްކޮށްދޭނެ ކަމަށް އެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
"މާތްﷲ އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތް ލައްވާށިއެވެ. އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި އަދި އެމަނިކުފާނު ފިޔަވާ ބަންދު ކުރެވިފައިވާ ސިޔާސީ ފަރާތްތައް ވަރަށް އަވަހަށް މިނިވަންވެ، ދިވެހިރައްޖޭގެ ސިޔާސީ ހަޔާތުގައި އެބޭފުޅުންގެ ދައުރު ފުރިހަމައަށް އަދާކުރެވޭނޭ މަގު މާތްﷲ ތަނަވަސް ކޮށްދެއްވާށިއެވެ،" ގުޅިފައިވާ ޕާޓީތަކުން ނެރުން ނިންމާލަމުން ބުނެފައިވެއެވެ.