ދެ އުޅަނދެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި 110 ފޫޓްގެ މުދާ އުފުލާ ދޯންޏެއް މ. އަތޮޅު ތުވަރުގެ ދެކުނު ފަރާތު ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ފަތިހު 04:00 ހާއިރު ކަމަށެވެ.
"ލިޓަސް ކެރިއަރ" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާ އެކު އެދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މ. އަތޮޅުގައި ބޭނުންކުރާ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ފޮނުވި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ ހަތަރު ކޮންޓެއިނާ އަރުވައިގެން ދަތުރުކުރި މި ދޯނިން ހަ ދިވެހީންނާއި ހަތަރު ބިދޭސީންނާ އެކު ޖުމްލަ 10 މީހުން ދަތުރުކުރި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކަނޑުމަތީގައި މިއަދު ހިނގި ދެ ވަނަ ހާދިސާގައި ވިލިމާލެ އިން ފުރައިގެން ލ. މާމެންދޫއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ވަނީ ފަރަށް އަރާފައެވެ. "ފްރެޝް 6" ނަމަކަށް ކިޔާ މިދޯނި ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 06:10 ހާއިރު، މ. މުލަކުގެ ހުޅަނގުން އަށް ނޯޓިކަލް މޭލު ދުރުގައި އޮތް އަތޮޅު ތެރޭގެ ފަރަކަށެވެ. އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ މަޢުލޫމާތު ކުބުނީ މިއަދު ހެނދުނު 07:54 ހާއިރު ކަމަށެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 114 ނަންބަރު ލޯންޗު ވަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޑައިވަރުންނާ އެކު އެ ސަރަހަށްދަށް ފޮނުވި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިހާދިސާގައި ފަރަށް އެރި 60 ފޫޓްގެ މި ދޯނިން ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ޖުމްލަ ތިން މީހުން ދަތުރު ކުރިއެވެ. ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރި މިދޯނި ފަރަށް އެރުމާ ގުޅިގެން ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.