ކުށެއް ކުރެވިފައިވާ މީހުން އިސްލާހު ކުރެވި އަނބުރާ ފަހުރުވެރި ދިވެހިންނަށް ވުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ކޯލިޝަން ސަރުކާރަށް އެމްޑީޕީން ހުށަހަޅަފައިވާ މެނިފެސްޓޯގައި މައިގަނޑު ފަސް ވައުދެއް ރައްޔިތުންނަށް ވަނީ ކޮށްފައެވެ. އެގޮތުން އިންސާފު ވައުދުގެ ދަށުން އަންނަ ވައުދުގެ ބައިގައި ގިނަ ކަންތައްތައް ކުރުމަށް އެމްޑީޕީން ވަނީ ވައުދުވެފައެވެ.
އެމްޑީޕީން ބުނީ އެމްޑީޕީން ބައިވެރިވާ ކޯލިޝަން ސަރުކާރުގައި އެޕާޓީން އަބަދު ވެސް ވަކާލާތުކުރަނީ ޖިނާއީ އަދުލުގެ ނިޒާމުގެ މަގުސަދަކީ ގާނޫނުތައް ހަދައިގެން މީހުން ހިފާ ހައްޔަރުކޮށް އަދަބު ދިނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ކުށްކުރާ މީހުން ވެސް އިސްލާހުވާން ފުރުސަތު ފަހިކޮށްދެވި އަލުން އަނބުރާ މުޖްތަމަޢަށް ބޭނުންތެރި މީހެއްގެ ގޮތުގައި ނެރުން އެއީ އެނިޒާމުގެ އެންމެ ބޮޑު ބޭނުން ކަމަށް އެމްޑީޕީން ބުނެއެވެ.
"އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަނީ ޖިނާއީ އަދުލުގެ ނިޒާމުގެ މަގުސަދަކީ ގާނޫނުތައް ހަދައިގެން މީހުން ހިފާ ހައްޔަރުކޮށް އަދަބު ދިނުން ނޫން ކަމަށް" އެމްޑީޕީގެ ވައުދުގައިވެއެވެ.
ހުރިހާ ދާއިރާތަކެއްގައި ދާއިރާ މެޖިސްޓްރޭޓް ކޯޓު ގާއިމްކުރާނެކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެދާއިރާއަކަށް ނިސްބަތްވާ މައްސަލަތައް ބެލުމުގެ ޒިންމާ އެކޯޓުތަކަށް ހަވާލުކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެޕާޓީން ބުނެފައި ވަނީ އެދާއިރާއެއްގެ ކުށްވެރިން ބައިތިއްބާ ސަރަހައްދީ ޖަލުތައް އަތޮޅު ކައުންސިލްގެ ދަށުން ދާއިރާތަކުގައި ގާއިމްކުރެވޭނެ ކަމަށެވެ.