ސިހުރު ހެދުމާއި ނަސްލީ ތަފާތުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ސިހުރު ހެދުމަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެން ކުށެއް ކަށެވެ. އެ ކުށުގެ އަސާސީ މިންގަނޑަކީ ހަތަރު މަހަށް ޖަލަށް ލުމަށެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ އާ ނިޒާމުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ސިހުރު ހެދުމުގެ ކުށް ބަޔާންކޮށްފައެއް ނުވެއެވެ. އަދި ނަލްސީ ތަފާތު ކުރުމަކީ ވެސް ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ބުނެފައިވާ ގޮތުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ތަފާތު ކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ ކުށެކެވެ. އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ ދެ އަހަރު ދުވަހަށް ޖަލަށްލުމެވެ.
ގާނޫނުލް އުގޫބާތަށް އަލަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި އެ ގާނޫނުގައި ކަނޑައަޅާފައި ބައެއް ކުށްތައް ތަފްސީލު ކުރުމަށް ފަހު، އަދަބުތައް ބޮޑު ކުރަން ހުށަހަޅާފައިވެއެވެ.
އަދަބު ބޮޑުކޮށްފައިވާ ކުށްތަކުގެ ތެރޭގައި ރަޔަޓް ކުރުމާއި މަދަނީ ހަމަނުޖެހުން ހިންގުން ހިމެނެއެވެ. އެގޮތުން އެފަދަ ހަމަނުޖެހުމެއް ހިންގުމަށް ހިތްވަރު ދޭ މީހާ އާއި އެއިން ކަމަކަށް އެހީތެރިވެދޭ މީހާ އާއި އެއިން ކަމެއްގައި ބައިވެރިވުމަކީ ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް އެކިއެކި ލިޔުންތައް ތައްޔާރުކޮށް، ޝާއިއު ކުރުމަކީ ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައި ވެއެވެ. އަދި މިސްކިތް ނޫން ތަންތަނުގައި އާދަވެގެން އާންމުންނާ އެކު ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމަކީ ވެސް ކުށެއް ކަމަށް ވެސް ކަނޑައެޅުމަށް ހުށަހަޅާފައި ވެއެވެ.
އޭގެ އިތުރުން ކުއްޖަކު އުފަންވުމާ އެކު، ވަގަށް ނަގައިފި ނަމަ ނުވަތަ ފޮރުވައިފި ނަމަ، ނުވަތަ އެ ނޫން ކުއްޖަކާ ބަދަލުކޮށްފި ނަމަ، ނުވަތަ އޮޅުވާލުމުގެ ނިޔަތުގައި އެ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނެވެރިން ފިޔަވައި އެހެން ފަރާތަކާ ހަވާލު ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ވެސް އިސްލާހުގައި ވެއެވެ. އެ ކުށުގެ އަދަބަކީ ހަ އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
ގާނޫނުލް އުގޫބާތަށް އަލަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ބަޣާވާތް ކުރުމުގެ ކުށުގެ އަދަބު ބޮޑު ކުރުމާއި ސަރުކާރު ވައްޓާލުމަށް ރޭވުމުގެ އަދަބު ބޮޑު ކުރުމާއި ދައުލަތުގެ އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމަކީ އަދަބު ލިބޭނެ ކުށެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.