ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ފުލުހުންނަށް ލިބުނު ތަމްރީނު ފުރުސަތެއްގައި 15 ފުލުހަކު ތައިލެންޑަށް ފުރައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމަށް ހޭލުންތެރި ކުރުވުމަށް ފުލުހުންނަށް ދޭން ހަމަޖެހިފައިވާ ތަމްރީންތަކުގެ ދަށުން، ޖުލައި 1 އިން 7 އަށް ތައިލެންޑްގެ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގައި ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމްގައި، ސެކިއުރިޓީއާ ގުޅުން ހުރި ތަމްރީންތަކެއް ދޭން ވަނީ ހަމަޖެހިފައެވެ.
އެގޮތުން ފުލުހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންނަން ޖެހިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތަކުގެ އިތުރުން ވީއައިޕީ ޕްރޮޓެކްޝަންގެ އުކުޅުތައް، މިޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ފުލުހުން ތައްޔާރުކުރުމުގެ ގޮތުން، ފުލުހުންގެ އިދާރާ އިން ބުނީ ފުލުހުން ހޭލުންތެރި ކުރުވުމަށް ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ކަމާ ގުޅުން ހުރި މަޢުލޫމާތު ދިނުމުގެ އިތުރުން އެހެނިހެން ތަމްރީނު ޕްރޮގްރާމްތައް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.