ފާއިތުވި 10 އަހަރުގެ ތެރޭގައި ރިޔާސީ އިންތިޚާބާ ދިމާކޮށް ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކާ އެކު ހެދި އެގްރީމެންޓްތައް ފެއިލް ވެފައިވާ ކަމަށާއި ކުރިއަށް އޮތްނުގައި ވެސް އެފަދަ އެގްރީމެންޓްތައް ހަދައިގެން ކުރިއަށް ނުދެވޭނެކަން އެކަމުން އެނގޭ ކަމަށް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މުގައްރިރު އަދި ގައުމީ މަޖްލިސް މެމްބަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތް ގޮތުން ކޯލީޝަނެއްގެ ތެރެއިން ވެރިކަން ކުރާ ނަމަ ފާއިތުވި ދިޔަ ދެ ރިޔާސީ އިންތިޚާބަށް ބަލާއިރު ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ބައެއް ކަންކަމާ ފުށުއަރާ ގޮތަށް ޖޭޕީން ހުށަހެޅި 11 ނުކުތާގެ މައްޗަށް އަލިއަޅުވާލައްވަމުން އަމްރު ވިދާޅުވީ ފުށުއެރުންތަކެއް ހުރި ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯ އާއި ޖޭޕީން ހުށަހެޅި ނުކުތާތައް ވަރަށް އެއްގޮތް ކަމަށެވެ. އެ ފުށުއެރުންތައް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ވެރިކަން ކުރަންވާނީ ކޯލީޝަނަކުން ކަމަށް ބުނެފައިވާ ކަމަށާއި އަދި އެކަން ކުރަންވާނީ ޕާޓީތަކުގެ ވެރިން ހިމެނޭ ކައުންސިލަކުން ކަމަށް ޖޭޕީގެ ހުށަހެޅުމުގައި ބުނާ ކަމަށެވެ. ނަމަވެސް ހަމައެއާ ވިދިގެން ވެރިކަމުގެ ނިޒާމަށް ބަދަލެއް ނުގެނައުމަށް ޖޭޕީގެ ހުށަހެޅުމުގެ 10 ވަނަ މާއްދާގައި އޮންނަ އިރު މިހާރު ގާނޫނުއަސާސީ އާއި ވެރިކަމުގެ ނިޒާމު އޮތް ގޮތުން ގުޅިފައިވާ ކައުންސިލަކުން ވެރިކަން ހިންގޭނެ ގޮތެއް ނެތް ކަމަށެވެ.
ޖޭޕީގެ ހުށަހެޅުމުގެ ނުވަ ވަނަ ނުކުތާއަށް ބަލާއިރު އެއީ ބަރުލަމާނީ ނިޒާމްގައި ކަންތައްތައް ކުރާނެ ގޮތް ކަމަށާއި އެ ނިޒާމްގައި ކޯލިޝަނަށް އަންނަ ޕާޓީތައް ތިބޭނީ އެކު އެކީގައި ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. އެކަން ކުރެވޭނީ ޕާލިއންމެންޓަރީ ނިޒާމުގެ ތެރެއިން ކަމަށާއި އެއް ޕާޓީއަކަށް 50 ޕަސެންޓް ނުލިބިއްޖެ ނަމަ ދެން ޖެހޭނީ މަޖިލީހުގެ ތެރެއިން ކޯލީޝަނެއް އުފައްދަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާ ހިލާފަށް މިހާރު އޮތް ވެރިކަމުގެ ނިޒާމަށް ބަދަލެއް ނުގެނެސް އެއްބަސްވުންތަކެއް ހަދައިގެން ކޯލީޝަން ސަރުކާރެއް ނުހިންގޭނެ ކަމަށާއި 2008 އާއި 2013 ވަނަ އަހަރު ވެސް ޖޭޕީން ވަނީ އެފަދަ އެގްރީމެންޓްތަކެއް ހަދާފައި ކަމަށެވެ. ނަމަވެސް އެ އެގްރީމެންޓްތައް މާ ގިނަ ދުވަހެއް ނުވެ ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން މާޒީން އިބުރަތް ހާސިލުކޮށް ޖޭޕީގެ ހުށަހެޅުމުގައި އޮންނަ ގޮތަށް ކައުންސިލަކުން ވެރިކަން ކުރެވޭނީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެސް މަޖިލީހުގެ ތެރެއިން ގާނޫނީ އެއްބަސްވުންތަކެއް ހެދިގެން ކަމަށް އަމްރު ވިދާޅުވިއެވެ.