އެމްއެންޑީއެފުން މިހާރު ކުރިއަށް ގެންދާ "ހެސަ ވާދަ 2018" މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ދިވެހިން ޒަމާނުންސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭ ގޮތަށް ވާދަވެރި އިވެންޓްތަކެއް ހިމަނައިގެން ބާއްވާ މުބާރާތެކެވެ.
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރުން ޖުލައި 5 އިން ފެށިގެން ކޮންމެ ރެއެއްގެ 20:30 އިން 22:30 އާ ދެމެދު މުބާރާތް ކުރިއަށްދާ އިންޑަސްޓްރިއަލް ޒޯނު ސަރަޙައްދުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެރެއާ ހަމައަށެވެ.
މި މުބާރާތުގެ އެއްވަނަ ޓީމަށް 50,000ރ.، ދެވަނަ ޓީމަށް 30،000ރ. އަދި ތިން ވަނަ ޓީމަކަށް 25،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންއެމްޑީއެފުން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ހިމެނޭނީ އުމުރުން 18 އަހަރުވެފައިވާ ފިރިހެނުންނެވެ. އަދި ކޮންމެ ޓީމެއްގައި ރިޒާވަރުންނާ އެކު އަށް ބައިވެރިން ހިމަނަންޖެހޭއިރު، އިވެންޓްގައި އެއްފަހަރާ ވާދަކުރެވޭނީ ފަސް ބައިވެރިންނަށެވެ.
"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން މި ޗެލެންޖުގައި ފުރިހަމަކުރަންޖެހޭ އިވެންޓްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށް އެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.