ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުލޭގެ ނެރު ބަންދުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންނަ އާދިއްތަ ދުވަހު ހުޅުލޭގެ ދެކުނު ނެރު ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން 8 ޖުލައިވާ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އުޅަނދުފަހަރު ހުޅުލޭ ފަޅަށް ވަނުމަށް އަލަށް ހަދާފައިވާ ނެރު ބޭނުން ކުރުމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ޖޫން މަހު އާ ރަންވޭގެ ފަހު ތާރު ފަށަލަ އަޅަން ފަށާފައެވެ. މި މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. އާރަންވޭގައި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނާނެއެވެ.
މީގެ އިތުރުން އައު ސީޕްލޭން ޓާމިނަލްގެ މަސައްކަތުގެ އިތުރުން އައު ފަސިންޖަރުންގެ ޓާމިނަލް އާއި އައު ފިއުލް ފާމްގެ މަސައްކަތް ދަނީ ކުރަމުންނެވެ.