މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މާހައުލު ތަނަވަސްކޮށްދިނުމަށް އިންޑިއާ އިން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފިއެވެ.
އިންޑިއާގެ ހާރީޖީ ވުޒާރާއިން ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ހާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އިންތިހާބު ބޭއްވުމަށް ރާއްޖޭގައި އިއުލާނުކުރެވުނު ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝިއަރީއަށް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ގެއްލިފައިވާ ދަނޑިވަޅެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރިޔާސީ އިންތިހާބު ބޭއްވުމަށް އިއުލާން ކުރެވިގެން ދިޔުމަކީ އިންޑިއާ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށް ރަވީޝް ވިދާޅުވިއެވެ.
އެހެންކަމުން އިންތިހާބު ބޭއްވުމުގެ ކުރިން ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ކަންކަން ކުރުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށް ރަވީޝް ވިދާޅުވިއެވެ. އެގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ތަނަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އިންޑިއާ އިން ދެކޭ ކަމަށް ރަވީޝް ވިދާޅުވިއެވެ.
އިންޑިއާގެ ސަރުކާރު މިފަދަ ވާހަކައެއް ހާމަކޮށްފައިވާއިރު ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއިމެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލިސް ވެސް މިހާރު ހިނގަމުންދަނީ ގާނޫނުގެ ބޭރުން ކަމަށް ވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މިކަންކަން މިހެން ހުރުމާއެކު ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެދާނެ ކަމާމެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.