ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް އެމްޑީޕީން ގޮވާލާއިފިއެވެ.
އެމްޑީޕީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ. އަދި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ލިސްޓާ ގުޅޭ ގޮތުން އެޕާޓީން ހުށަހެޅި ކަންބޮޑުވުންތަކަށް އަދިވެސް ޙައްލު ލިބިފައިނުވާކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި، މިނިވަން އިންސާފުވެރި، އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި، ޤާބިލުކަން އަދު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަކަށް މިޕާޓީއިން ނުދެކޭ ހިނދު، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް މިޕާޓީ އިން ގޮވައިލަމެވެ."
އިންތިޚާބުގެ މިނިވަން އިންސާފުވެރިކަމާއި، ދެފުށްފެންނަކަން ކަށަވަރުކުރުމަށްޓަކައި ވޯޓު ޙައްޤުވާ މީހުންގެ ލިސްޓްގެ ސައްޙަކަން ކަށަވަރުކުރަންޖެހޭ ކަމަށާއި، އެކަމަށްޓަކައި އައިޑީ ކާޑު ނަންބަރާއި، ނަމާއި، އެޑްރެސް ބަލައި، އަޅާކިޔައި، ޔަޤީންކުރާންޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައެވެ.
އެހެންނަމަވެސް ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ ޢާންމުކޮށްފައިވާ ލިސްޓުގައި އައިޑީކާޑު ހިމަނާފައެއް ނުވެއެވެ. މިމަސްއަލަވާނީ އެމްޑީޕީގެ ފަރާތުން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
ހައުސިންގ މިނިސްޓްރީ އިން ވަނީ ދަފުތަރުގައި ނަން ޖެއްސުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެކަމުގެ ސަބަބުން ވޯޓު ޙައްޤުވާ މީހުންގެ ލިސްޓް ކަމަށް ބުނެ އިލެކްޝަންސް އިން ޢާންމުކޮށްފައިވާ ލިސްޓަށް ބަދަލު އަންނާނެ ކަމަށްޓަކައި، 1 ޖުލައި 2018 ގެ ފަހުން ރަށްވެހިކަން ބަދަލުނުކުރުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ. މިއާ ޚިލާފަށް، ދަފުތަރަށް އުނި އިތުރު ގެނެއި ނަމަވެސް، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް ބަދަލު ނާންނާނެ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފައިވެއެވެ.
އެހެންކަމުން ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓަށް އޮޅުން ބޮޅުން އެރިޔަ ނުދިނުމަށް، ދަފުތަރަށް އުނިއިތުރު ނުގެނައުމަށް އެމްޑީޕީ އިން ވާނީ ގޮވައިލާފައެވެ. އެކަމަށް ވެސް އީޖާބީ ބަހެއް ލިބިފައި ނުވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.