ސަރުކާރުން މާލެ އާއި ހުޅުލެ ގުޅާލުމަށް އިމާރާތް ކުރާ "ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް" ބްރިޖުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމައި ހުޅުވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުމާލެ އެއްކޮށް ގުޅާލެވޭނެ ކަމަށެވެ. އެ އަށް ފަހު ދެން ކުރިއަށްދާނީ ތާރު އެޅުމާއި އެހެނިހެން މަސައްކަތްތައް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެއްވެސް އިރަކު ޖުލައި 26 ވަނަ ދުވަހަށް ބްރިޖުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ވާހަކަ ހާމަކޮށްފައިނުވާނެ ކަަމަށާއި އަބަދުވެސް ސަރުކާރުން ބުނެފައި ވަނީ ޖުލައި 26 ވަނަ ދުވަހަށް ބްރިޖުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރ މަސައްކަތް ކުރަމުންދާ ވާހަކަ ކަމަށެވެ. އެއީ އެއްވެސް އިރަކު ހައުސިންގް މިނިސްޓްރީން ދީފައިވާ ތާރީހެއް ނޫން ކަމަށާއި މިނިސްޓްރީން ވެސް ނިންމުމަށް ބާރު އެޅި ތާރީހެއް ނޫން ކަމަށެވެ.
ކޮންޓްރެކްޓަރާ އެކު ބްރިޖުގެ މަސައްކަތް ނިންމުމަށް ދީފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށާއި ކަނޑައެޅިފައިވާ ތާވަލަށް ވުރެ އަވަހަށް ބްރިޖުގެ މަސައްކަތް ނިންމާލާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. އަންނަ މަހު ބްރިޖް ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެކަމާ ބެހޭ ތަފްސީލުތަކެއް އަދި ހުޅުވާލަނީ ކިހިނެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި ބްރިޖް މުޅިން ގުޅުވާލައި ނުނިމޭ އިރު ބްރިޖް އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެތައް ކަމެއް އެބަ ހުއްޓެވެ. އެގޮތުން ރައިލުން އެޅުމާއި ލޭންތައް ހެދުމާއި ޓޯލް ސިސްޓަމް ގާއިމުކުރުމުގެ އިތުރުން ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ. ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހަދަން ފަށާފައިވާ އިރު އެ މަސައްކަތް 26 އަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ އިރު ހުޅުމާލެއާ ގުޅުވާލާ މަގުގެ މަސައްކަތް ވެސް އަދި ނުނިމެއެވެ.
މަސައްކަތް އަވަސްވި ނަމަވެސް ކުއަލިޓީއާ މެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި ބްރިޖުގެ މަސައްކަތްް ކުރުމާއި ކޮންސަލްޓެލްސީދީ ބަލަަހައްޓަނީ ދުނިޔޭގައި ވެސް އިންޖިނިއަރިން ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިން ކަމަށެވެ.
ބްރިޖްގެ ކޮންސަލްޓެންޓުން އަބަދުވެސް މަސައްކަތް ކުރިއަށްދާއިރު ފެންވަރު ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށާއި ބްރިޖުގެ ފެންވަރާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާގެ ސީސީސީ ސެކަންޑް ހާބާ އިންޖިއަރިންގއާ ހަވާލުކޮށްގެން ބްރިޖުގެ މަސައްކަތް ކުރިއަށްގެންދަނީ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްގެންނެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ އިތުރުން ބަޖެޓުން ހޭދަކޮށްގެންނެވެ.