ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 18:18
ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެފްއޭއެމް
ގައުމީ ފުޓްބޯޅަ އެކަޑަމީ
ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ ހުޅުމާލޭގައި އަޅައިފި
މި އެކަޑަމީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން
މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 15 މިލިއަން ރުފިޔާ ހޭދަވާނެ
މިއީ އެއްފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށް ތަރައްގީކުރާ އެކަޑަމީއެއް

ސަރުކާރުން އަޅާ ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ އަޅައިފިއެވެ.

ބައިނަލްއަގްވާމީ ފެންވަރަށް ތައްޔާރުކުރާ މި އެކަޑަމީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނާސިފްއެވެ. ހުޅުމާލޭގައި ތަރައްގީކުރާ މި އެކަޑަމީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މި ބޭފުޅުންގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ އަލީ އުމަރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެކަޑަމީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ނިމޭއިރު އެކޮމޮޑޭޝަން ބްލޮކަކާއި ބޮޑު ޓާފް ދަނޑަކާއި އޮފީހެއްގެ އިތުރުން ނަމާދުކުރާ ތަނެއް ހިމެނޭނެއެވެ. އެފްއޭއެމް ބުނެފައިވާ ގޮތުގައި ދެވަނަ ފިޔަވަހީގައި އެކަޑަމީއަށް އިތުރު ކުރެވިގެންދާނީ ދަނޑުތަކެކެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 15 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭއިރު އެކަޑަމީ ގާއިމުކުރުމަށް ހުޅުމާލޭގައި ވަނީ ދެ ލައްކަ ތިރީސް ހާސް އަކަފޫޓުގެ ބިމެއް ހާއްސަކުރެވިފައެވެ. މި އެކަޑަމީގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ފީފާ އަދި އޭއެފްސީގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެފްއޭއެމް އިން ބުނެއެވެ.

މިއީ އެއްފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށް ތަރައްގީކުރާ އެކަޑަމީއަކަށް ވާއިރު މި އެކަޑަމީ އިން ތަމްރީނުވާނީ އުމުރުން 13 އަހަރާއި 17 ދެމެދުގެ ކުޅުންތެރިންނެވެ.

މިއީ ސަރުކާރުން ހަރަދުކުރާ މަޝްރޫއަކަށް ވާއިރު މިފަދަ ބައިނަލްއަގްވާމީ އެކަޑަމީއެއް ރާއްޖޭގައި ގައިމުކުރައްވާނެ ކަމަށް 2016 ވަނަ އަހަރު ރައީސް ޔާމީން ވަނީ އިއުލާންކުރައްވާފައެވެ.

އެކަޑަމީއަށް ކުދިން ހޮވުމުގެ ގޮތުން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކުރުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް