ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.
މީގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ ޖުލައި 31 ވަނަ ދުވަހެވެ. ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފޯމު ހުށަހެޅުމުގެ ކަންކަން މީގެ ކުރިން ދަރުބާރުގޭގާއި ކުރިއަށްގެންދިޔަ ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ފޯމް ބަލައިގަތުން ކުރިއަށްދާނީ ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ކަމަށެވެ.
" ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިގެން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެ. މި މަޝްރޫއުއަކީ ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތެރެއިން އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްދާ މަޝްރޫއެއް. މިއަދާ ހަމައަށް އައިއިރު ޖުމްލަ 4767 ބޭފުޅުން ފޯމުލާފައިވޭ." މިނިސްޓަރ ވިދާޅުވި އެވެ.
ފޯމު ބަލައިގަތުމަށް ހައުސިންގ މިނިސްޓްރީގައި ވަކި ސަރަހައްދެއް ކަނޑައެޅި، އިންތިޒާމުތައް ރޭވޭނެ ކަމަށާއި ހިޔާ މަޝްރޫއުގެ ތެރެއިން ދަފްތަރު ކެޓަގަރީއަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމު ބަލައިގަތުން ކުރިއަށްދާނީ ބުދަ ދުވަހުން ފެށިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދަފްތަރު ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ވަކި ފޯމެއް ތައްޔާރު ކުރެވޭނެ ކަމަށާއި އާ ފޯމުވެސް ތައްޔާރު ކުރެވޭނީ ފޯމު ހުށަހަޅާ ފަރާތްތަކަށް ދަތި ނުވާނެ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ފޯމު ހުށަހެޅުމަށް "ކިއުބީ އެޕްލިކޭޝަން" މެދުވެރިކޮށް ނަމްބަރު ނެގޭނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެ އެވެ. އެޕްލިކޭޝަން ނަގާނެ ގޮތް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ބަޔާންކޮށްފަ އެވެ.
"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށްވެސް ވަނީ ހުޅުވާލާ އެވެ.
ފޯމު ހުށަހެޅުމަށް ހުޅުވާލީ ޖޫން 03 ވަނަ ދުވަހު އެވެ.