ވިހައި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުން މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުންފާޅު ކޮށްފިއެވެ.
ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ވިހައި މަރުވާ މީހުންގެ ރިކޯޑު ބެލެހެއްޓުމާއި އެސީޓީއެއްގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ރަށްވެހި ނުވެދިރިއުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރު ލިޔެބެލެހެއްޓުން މިކައުންސިލުގެ މެންޑޭޓުން އުނިކޮށް ހައުސިން މިނިސްޓްރީގެ ދަށަށް ރައީސް އޮފީހުން ބަދަލުކުރުމާއި ގުޅިގެން ނެރިފައިވާ ސާކިއުލާރއެއްގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް ގެނެސްފައިވާ 3 ވަނަ އިސްލާހުގެ(ނ)ގައި ބަޔާންކޮށްފައިވާ ގޮތުން "މިގާނޫނަށް އަމަލުކުރަން ފަށާތާ އެއްމަސް ދުވަސް ތެރޭގައި މި މާއްދާގެ(ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިގާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބަރުތަކާއި އެ ސިޓީ ކައުންސިލުން ފޯރުކޮށްދެވޭނެ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެ ކަމަށެވެ.
މިގޮތުން އެސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަމުގައި ނުހިމެނޭ ޚިދުމަތްތައް ކަމުގައި ނުހިމެނޭ ޙިދުމަތްތަކާއި ގުޅުންހުރި އެންމެހައި ގާނޫނީ ހައްގުތަކާއި ޒިންމާތަކާއި އިލްތިޒާމްތަކާއި އިލްތިޒާމްތައް އެކަމާ ހަވާލުވާ ވުޒާރާއަށް ނަގުލުވާނެ ކަމަށެވެ. އެހެންކަމުން ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް ގެނެސްފައިވާ 3 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ އުސޫލުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުވެސް ބޭނުންކުރަންވާނީ ގާނޫނުގައި ކަނޑައަޅާ ގަރާރުކޮށްފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ދެކޭ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ގާނޫނުގައި ވަކިމުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ކަމެއް އެމުއްދަތުގައި ނިންމުމާއި، އެމުއްދަތު ފަހަނައަޅާދާފަހުން އެމުއްދަތުގައި ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކުރުމަކީ ގާނޫނީ ހަމަތަކާއި އެއްގޮތަށް ކުރެވޭ ކަމެއް ކަމަށް ކައުންސިލުން ނުދެކޭ ކަމަށެވެ. އަދި ގާނޫނަށް އިސްލާހެއް ގެނެވިގެން މެނުވީ ގާނޫނީ ގޮތުން ލިބިދީފައިނެތް ބާރެއް ލިބޭނެ ހަމައެއް ނެތް ކަމަށް ވެސް މިސާކިއުލާރގައި ވަނީ ބުނެފައެވެ.
ގާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނު) ގެ 20 ވަނަ މާއްދާގައި ގާނޫނެއްގެ ދަށުން އެކުލަވާލާ ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ ބާރު އެގަވާއިދު ހިންގަންފެށި ފަރާތްތަކަށް ލިބިދީފައިވީ ނަމަވެސް ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)އަށް ގެނެސްފައިވާ 3 ވަނަ އިސްލާހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަކިމުއްދަތެއްގެ ތެރޭގައި ކޮށް ނިންމަން ޖެހޭ މަސައްކަތްތަށް އެމުއްދަތު ފަހަނައަޅާދާފަހުން ކުރުމަށްފަހު، އެކަންކަމަށް ތަކުރާރުކޮށް ބަދަލުގެނައުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިސާކިއުލާރގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ސިޓީ ކައުންސިލްގެ ލެޓަރހެޑް ފަދަ ލިޔެކިޔުމާއި އެނޫން ވެސް ތަކެތި ބޭނުންކުރަމުން ދިއުމަކީ ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ސިޓީ ކައުންސިލްގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ސިޓީ ކައުންސިލްގެ ލެޓަރހެޑް ފަދަ ލިޔެކިޔުމާއި އެނޫން ވެސް ތަކެތި ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.