ރަށްވެހިކަން ބަދަލު ކޮށްފިނަމަ ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފައިވަނިކޮށް ރަށްވެހިކަން ބަދަލު ކުރި ކަމުގައި ވީނަމަވެސް ވޯޓު ލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ބޭނުން ކުރާ ވޯޓާސް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެން ނަމަވެސް އިލެކްޝަންސް ކަމިޝަނުން ބުނެފައިވަނީ މިމަހުގެ 1 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 23 އާއި ހަމައަށް އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެ ހިނދެއްގައި ދެވަނަ ބުރު ނިމެންދެން ރަށްވެހިކަން ބަދަލުކޮށްފިނަމަ އެފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީވުމުން ވޯޓު ލުމުގެ ފުރުސަތު ގެއްލޭފަދަ ނުވަތަ ވޯޓު ލުމުގެ ހައްގަށް އުނިކަން އަންނަފަދަ އެއްވެސް ގޮތެއް މެދުވެރި ނުވާނެ ކަމަށެވެ. ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ ދަފްތަރު އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމީ ކެބިނެޓުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
މުއިއްޒު މިގޮތަށް ވިދާޅުވިކަމުގައި ވީނަމަވެސް އީސީން ބުނެފައިވަނީ އައިޑީ ކާޑަށް ބަދަލުތައް ގެނެސް ރަށްވެހިކަން ބަދަލު ކުރުމުގެ ކަންތައްތައް ޖުލައި 1 ގެ ފަހުން ނުހިންގުމަށް އެ މުއައްސަސާއިން އިލްތިމާސް ކުރާ ކަމަށެވެ.