ރިޔާސީ އިންތިހާބު ބޯމަތި ވެފައިވަނިކޮށް، ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްވާ ގޮތުން ސަރުކާރުން ހުށަހެޅި ރިޔާސީ އިންތިހާބާ ގުޅުންހުރި ތިން ބިލަށް ވޯޓަށް އެހުމަށް ނުފެންނަ ކަމަށް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވޯޓު ދެއްވައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އިތުރަށް ހުރަސް އެޅިގެންދާ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހެޅުނު ގިނަ އިސްލާހުތަކެއް ހިމެނޭ ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އެ ތިން ބިލަށް ވޯޓަށް އެހުމަށް ފެނޭތޯ ވޯޓަށް އަހާފަ އެވެ.
މަސީހު އެގޮތަށް ވޯޓަށް އެއްސެވީ ވޭތުވެދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު މަޖިލިސް މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމަށް އިލްތިމާސް ކުރެއްވުމުން ވެސް އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެފައި ނުވާތީ ސުޕްރީމް ކޯޓުން މީގެކުރިން ދީފައިވާ ލަފަޔަށް ރިއާޔަތްކޮށް ހާލަތުއްޟަރޫރާގެ ދަށުން ނެވެ.
ނަމަވެސް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)އަށް ރިއާޔަތްކޮށް، އެ ތިން ބިލަށް ވޯޓަށް އެހުމަށް ފެނޭތޯ ވޯޓަށް އެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދާއި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރުގެ އިތުރުން ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން އެވެ.
އެ ތިން ބިލަށް ވޯޓަށް އަހަން ފެނޭތޯ ވޯޓަށް އެހުމުން ފާސްކޮށްފައިވަނީ 31 މެމްބަރުންގެ ވޯޓުންނެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެމަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެވޯޓެއް ނަގާ ޖަލްސާގަ ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށެވެ.
މަޖިލީހުން ނެގި އެވޯޓާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގައި އޮތް މާއްދާއެއް މަޖިލީހުގެ 31 މެމްބަރުންނަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ގަބޫލު ކުރައްވައި ރިޔާޒު ރަޝީދާއި އަހުމަދު އާމިރު އަދި މުހައްމަދު ހުސައިން، މަސީހުގެ އެހުށަހެޅުމަށް ވޯޓު ދެއްވާފައި ނުވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އަނެއްކާވެސް މަސީހު ގާނޫނުއަސާސީއާ ހިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. ރޮޒައިނާ ވަނީ ވޯޓް ދިން ގޮތުގެ ރިޕޯޓް ވެސް އެޓްވީޓާއެކު އާއްމުކޮށްފަ އެވެ.
Qanoon asaasy gai oiy maahdhaa eh (87 ށ) majlis ge 31 MPs akah badhaleh nukureveyne. Ehen nukureveyne kamah qaboolu koh PPMge 3 MPs (Mohd Hussain, Amir, Riyaz Rasheed) ves Maseeh ge husha elhumakah vote eh nudhin. Anekka ves Maseeh QA aa khilaaf vee! pic.twitter.com/LhQ9N3AwUo
— ?? ??????? ???? (@Roxeyna) July 4, 2018
މަޖިލީހުގެ 31 މެމްބަރުންގެ ވޯޓުން އެ ތިން ބިލަށް ވޯޓަށް އެހޭނެ ކަމަށް ފާސްކުރުމުން މަސީހު ވަނީ އެ ތިން ބިލަށްވެސް ވޯޓަށް އައްސަވާފަ އެވެ. އެ ތިން ބިލްވެސް ފާސްކޮށްފައިވަނީ 34 މެމްބަރުންގެ ވޯޓުން ނެވެ.