ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އެޅުމުގެ ނިޔަތުގައި ރާއްޖެ ޓީވީ ޖޫރިމަނާކުރަން ބްރޯޑްކާސްޓިން ކޮމިޝަންގެ މަސައްކަތް އަވަސް އަރުވާލައިގެން އުޅުން އެޓީވީން ކުށްވެރި ކޮށްފިއެވެ.
ރާއްޖެޓީވީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރު އެކަނި ވެސް ސްޓޭޝަން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އެ މައްސަލަތަކަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ މައްސަލަތަކެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. މި މައްސަލަތަކުގައި އިންސާފުވެރި ނިޔާއެއް ހޯދުމަށާއި، ސްޓޭޝަނަށް ލިބުނު ގެއްލުމުގެ ބަދަލު އަނބުރާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ހުށަހެޅި މައްސަލަތައް އެ މުއައްސަސާތަކުގައި އުމަގުވެފައި ހުރުމަކީ، މުސްތަގިއްލު މުއައްސަސާއެއްގެ ނަމުގައި ސަރުކާރުގެ ނުފޫޒުގައި ޖެހިގެން މަސައްކަތް ކުރާ ބްރޯޑްކާސްޓިން ކޮމިޝަނުން ވަމުންދާ ބޭއިންސާފަށް ދެވޭ ހިތްވަރެއް ކަމަށް ގަބޫލުކުރާ ކަމަށް އެ ޓީވީން ބުނެއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާއިރު، ގާނޫނު އަސާސީއާ ހިލާފަށް ރާއްޖެޓީވީއާމެދު ތަކުރާރުކޮށް ފިޔަވަޅު އަޅަމުންދަނީ ރާއްޖެ ޓީވީގެ އޮޑިޓޯރިއަލް ޕޮލިސީއަށް ނުފޫޒު ފޯރުވައި، ދައުލަތް ޖަވާބުދާރީ ކުރުވުމަށާއި ދައުލަތުގެ ތެރޭގައި މޫލައި ހެދެމުންދާ ހިޔާނާތާއި ވައްކަމުގެ މައްސަލަތަކާއި ތުހްމަތުކުރެވޭ އެހެން ޖަރީމާތައް ތިލަވިޔަ ނުދީ ހިފެހެއްޓުމަށެވެ. އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނަށް ބެލެން ނެތް މައްސަލަތަކެއް ބަލައި ރާއްޖެ ޓީވީ ބޮޑު އަދަދަކުން ޖޫރިމަނާކުރަން، އެ ކޮމިޝަންގައި ތިއްބެވި ސިޔާސީ އަޅުންނާއި ބާންދީން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މި ސްޓޭޝަނުން ކުރަމުން ގެންދާ މަސައްކަތާއި ކަވަރޭޖަށް ހުރަސް އެޅުމުގެ ނިޔަތުގައި ކަމަށް ދެކެމެވެ. މި ނާތަހުޒީބު އަމަލު ހުއްޓާލައި، ބްރޯޑްކާސްޓަރުންގެ ކުރިއެރުމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ މަސައްކަތްތައް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރުމަށް ގޮވާލަމެވެ." ރާއްޖެޓީވީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ސްޓޭޝަންގެ ބަޔާނުގައި ބުނެފައިވަނީ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާތެރެއިން މީހަކު ދެއްކި ވާހަކައެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކަމަށް ބުނެ، ބަލަމުންދާ މައްސަލަ ރަނގަޅަށް ސާފުކޮށް ދިނުމަށް ސްޓޭޝަނުން ތަކުރާރުކޮށް ވާނީ އެދިފައި ކަމަށާއި ނަމަވެސް، މިހާތަނަށް ވެސް އެ މައްސަލަ ސާފުކޮށްދީފައި ނުވާއިރު، މައްސަލަ ރާއްޖެ ޓީވީއަށް ސާފުވެއްޖެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގަބޫކުރާ ކަމަށް ނިންމުމަށް ފަހު، ބޮޑު ޖޫރިމަނާއެއް ކުރަން ކެތްނުލެވި މަސައްކަތްކުރަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެއްޖެ ކަމަށެވެ. އަދި އެއީ ރާއްޖެ ޓީވީ އިންތިހާއަށް ކަންބޮޑުވާ، އަދި ކުށްވެރިކުރާ ކަމެއްކަމަށް އެޓީވީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ރިޔާސީ އިންތިހާބަކީ ގައުމީ މަސްލަހަތު އޮތް ކަމަކަށްވުމާއެކު، އިންތިހާބުގެ ކޮންޓެންޓް ޒިންމާދާރުކަމާއިއެކު ބްރޯޑްކާސްޓްކުރެވޭނެ ގޮތްތަކެއް ބްރޯޑްކާސްޓަރުންނާ މަޝްވަރާކޮށްގެން ގެނައުމަށް ކޮމިޝަނުން މަސައްކަތްކުރުމުގެ ބަދަލުގައި ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމަކީ މުޅި ނޫސްވެރިކަމަށް، އަދި ގައުމަށް ހުރި ނުރައްކަލެއްކަމަށާއި ގާނޫނީ އިމުން ބޭރުން ރާއްޖެ ޓީވީއާމެދު އަޅަމުންދާ ޒާތީ ފިޔަވަޅުތައް ނައްތާލައި، އިންސާފާއި ހަމަހަމަކަމުގެ މަގަށް ރުޖޫއަވެ، މީޑިއާގެ މިނިވަންކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފުރުސަތު ދިނުމަށް އެޓީވީން ވަނީ ގޮވާލާފައެވެ. އަދި ސިޔާސީ ވެރިންގެ އަވައިގައި، އަދި ޖާހާއި މާލުގެ ދަޅައިގައި ޖެހި ބޭއިންސާފު އިސްކުރުމަކީ، ފަހުން ޖަވާބުދާރީވާންޖެހޭނެ ކަމެއް ކަމަށް ރާއްޖެޓީވީން ވަނީ ހަނދާންކޮށް ދީފައެވެ.