ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުދަ ދުވަހު ބާއްވަން ތާވަލުކުރި ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރީ އިދާރީ ސަބަބަކާހުރެ ކަމަށެވެ. އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.
ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ޝަރީއަތް ކުރަން ތާވަލުކޮށްފައި ވަނީ އެންމެ ދެ މައްސަލައެވެ. އެއީ ބުދަ ދުވަހުގެ 11:00 އަށް ތާވަލުކޮށްފައިވާ ފާރިސްގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ އިބްތިދާއީ އަޑުއެހުމަކާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ، ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. އެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވައި މަހުލޫފު ކުރެއްވި ޓުވީޓެއްގައި މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށް ވިދާޅުވެފައި ވާތީއެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާގައި ބުނެފައި ވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގާނޫނާ ހިިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ބޭފުޅުންގެ ތެރެއިން ފާރިސްއަކީ އެކަންކަމުގެ މޭސްތިރިޔާ ކަަމެވެ.
އެ ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފައެވެ. ޓެރަރިޒަމްގެ އެ ދައުވާއާ ގުޅިގެން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ. އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ވެސް ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް އުފުލާފައި ވެއެވެ. އެ މައްސަލާގައި ރިޝްވަތު ލިބުނު ކަމަށް ބުނާ މީހާ ވަނީ ފާރިސް ރިޝްވަތު ނުދެއްވާ ކަމަށް ބުނެ ކޯޓުގައި ހެކިބަސްދީފައެވެ. އަދި އެ ހެކިބަހަށް ފަހު އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވައެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމް، އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ފާރިސް، އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސް ބޭއްވި މައްސަލާގައި ޝަހުސު އޮޅުވާލުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުކޮށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. ނަމަވެސް އޭނާ ޖަލު ބަންދުގައި ހުންނަވާތާ ވެސް މިހާރު އެއަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.