ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން އިއުލާނުކޮށްފައި ވަނިކޮށް، ސިފައިންގެ ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށްކަމާއި ވަޒީފާއަށް އެދޭފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވާ އަންގާރަ ދުވަހުން ފެށިގެން 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށްކަމަށް ޑިފެންސް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ހޯމަ ދުވަހު ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޖުމުލަ 10 ދާއިރާއަކުން ސިފައިންގެ އަށް މީހުން ނެގުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އެމްއެންޑީއެފް މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، އަދި ސަޕޯޓް ސަރވިސްއަށް ކުރިމަތި ލުމުގެ ފުރުޞަތު ހިމެނެ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައިވުމާއި، ދައްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން އަދި އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުރި މީހެއްކަމުގައި ވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެ ކަމަށާއި މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ މިމަހުގެ 31 ކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރެކޯޑް ބަލާފޯމް ރަސްމީގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އެމްއެންޑީއެފްގެ ވެބްސައިޓުން މި ފޯމްތައް ޑައުންލޯޑު ކުރެވޭނެކަމަށްވެސް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ވަޒީފާއަށްއެދޭ ފޯމް ހުށަހަޅުއްވާއިރު ކުށުގެ ރެކޯޑްފޯމް ފުރިހަމަ ކުރައްވާ ހުށަހަޅުއްވަންވާނެކަމަށާއި ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ހުށައަޅުއްވާއިރު، ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއުއަށް ޙާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ޖެހޭނެކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ސިފައިންގެ ވަޒީފާއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯނު ނަމްބަރު 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެކަމަށް ޑިފެންސް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.