ގުޅިފައިވާ ޕާޓީތަކުން އެއްބަސްވި ގޮތަށް ޖުމްހޫރީ ޕާޓީއިން ރަނިންގ މޭޓަކު ނެރޭއިރު އެކަމުގައި އެމްޑީޕީގެ ބަހެއް އޮންނަން ޖެހޭނެކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވުމަކަށް އައިސް އެމްޑީޕީއިން ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމުމަށްފަހު އެމްޑީޕީއިން ނެރުނު ކެންޑިޑޭޓް, ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ހުރިހާ ޕާޓީތަކުން ރުުހުން ދިން ކަމަށެވެ. ހަމައެފަދައިން ޖުމްހޫރީ ޕާޓީއިން ނެރޭ ރަނިންގ މޭޓްވެސް ވާން ޖެހޭނީ ގުޅިފައިވާ ޕާޓީތަކުގެ ރުހުން ލިބިފައިވާ ބޭފުޅަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ނެރޭނެ މީހަކު ނިންމާކަށް ބާރެއް ނާޅާނެކަމަށާއި ނުފޫޒެއްވެސް ނުފޯރުވާނެކަމަށެވެ.
"ރައީސް ނަޝީދަށް ކުރިމަތި ނުލެވިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ ދެން އަޅުގަނޑުމެންގެ ޗޮއިސްއަކަށް އިބްރާހިމް މުހައްމަދު ސޯލިޙް އޮތް އިރުގައި، އިބްރާހިމް މުހައްމަދު ސޯލިޙަށް އެބޭފުޅުންގެ ތާޢީދު އޮތީ ލިބިފައި މިހާރު. އެހެންވީމަ އެކަން އެއޮތީ ހަމަޖެހިފައި. ހުރިހާ ޕާޓީއަކުން މަރުހަބާ ކިޔައި އެކަން ބަލައިގެންފައި އެއޮތީ. ޖޭޕީގެ ރަނިންގ މޭޓެއް އަންނައިރުގައި އަޅުގަނޑުމެންގެ ބަހެއް އޮންނަން ޖެހޭނެ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ހަތަރު ސިޔާސީ ފިކުރުގެ ހަތަރު ޕާޓީ އެކައްޗެއް ކިޔައިގެން އުޅެނީ އެއް ކަންތައްތަކެއް ހާސިލްކުރުމަށް ކަމަށާއި، އެކަންތައްތައް ޙާސިލްނުވާނެފަދަ ކެންޑިޑޭޓަކު ނުވަތަ ރަނިންގ މޭޓަކު ނެރޭނަމަ އެކަމުގެ ކަންބޮޑުވުން އެމްޑީޕީގެ އޮންނާނެކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ގޮތް ނިންމާނީ ޕާޓީތަކުގެ ލީޑަރޝިޕުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ޕާޓީތަކުން ނިންމާފައި އޮތީ ޕާޓީތަކުގެ ލީޑަރުންނަށް ކުރިމަތިލެވޭނަމަ އެބޭފުޅުންނަށް ކުރިމަތިލެވޭ ގޮތަށް ކަމަށެވެ. އަދި ރައީސް ނަޝީދާއި ޤާސިމް އިބްރާހިމްއާއި ދެ ބޭފުޅުންނަށް ކުރިމަތިލެވޭނެ ޙާލަތެއް އަތުވެއްޖެނަމަ ކެންޑިޑޭޓަކަށް ރައީސް ނަޝީދު އަދި ރަނިންގ މޭޓަކަށް ޤާސިމް އިބްރާހިމް ނެރުމަށް ޕާޓީތަކުގެ މެދުގައި ވާހަކަ ދެކެވުނުކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ރަނިންގމޭޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ކަންތައް ހިނގާފައިވާ ގޮތުން ރައީސް ޔާމީން ނަންގަވާ ރަނިންގމޭޓެއްގެ ކަންބޮޑުވުންތަކެއް ހުންނާނެކަމަށް ބެލެވޭކަމަށެވެ. އަދި ރައީސް ޔާމީންވެސް ކަންތައް ހިނގާފައިވާ ގޮތުން ރަނިންގމޭޓަކަށް ގެންނަވާ ބޭފުޅާ ކަންތައްކުރައްވާފަނެ ގޮތަކާއިމެދު ވިސްނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީތަކުން ރުހުން ދީފައިވާއިރު، ރަނިންގމޭޓެއްގެ ގޮތުގައި ނެރެނޭ ކެންޑިޑޭޓެއް މިމަހުގެ 10 ވަނަ ދުވަހު އިއުލާންކުރާނެކަމަށް ޖުމްހޫރީ ޕާޓީއިން ވަނީ ބުނެފައެވެ.