މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖް ނިންމަން ކަނޑައަޅާފައިވާ ތާރީޚަށް ވުރެ ކުރިން ނިމުމަކީ ބްރިޖް ހުޅުވުން ލަސްވުމެއް ނޫން ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބްރިޖާއި ބެހޭގޮތުން މުއިއްޒު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނިންމަން ކޮންޓްރެކްޓް ކޮށްފައިވާ ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.
އެހެން ނަމަވެސް އެމަސައްކަތް އެއަށް ވުރެ ދެ މަސް ދުވަސް އަވަސްކޮށް ޖުލައި މަހުގެ 26 ގައި ބްރިޖް ހުޅުވާނެ ކަމަށް ކޮންޓްރެކްޓަރ ބުނެފައިވާ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 25އަށް ވުރެ އަވަހަށް ނިމޭ ކޮންމެ ދުވަހަކީ އަވަސް ވުމެއް ކަމަށާއި ލަސްވުމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މީގެކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ މިހާރު ކުރަމުންދަނީ މައި ތަނބުތަކުގެ ތެރެއިން ޕިއާރ 21 އަދި ޕިއާރ 22 ގެ ސްޓީލް ގާޑަރ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް މިމަހުގެ 9 ވަނަ ދުވަހު ނިމޭނެ ކަމަށާއި އެއަށް ފަހު ޖޫން 12 ވަނަ ދުވަހު މައިތަނބާ ސުޓީލް ގާޑާރތައް ގުޅުވާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ އެހީއެކެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.