މާލޭ ސިޓީ ކައުންސިލުގެ "މާލޭ ސިޓީ ކައުންސިލް ވައިޓަލް ރެޖިސްޓްރޭޝަން" ސެކްޝަނުގެ، "މާލޭ ސިޓީ ކައުންސިލް" ޖަހާފައިވާ ނަންބޯޑު، ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކު އައިސް ނަގައިގެން ގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިކަން ހާމަކޮށްފައި ވަނީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. މިކަމާ ބެހޭގޮތުން ރާއްޖެއެމްވީ އަށް އިތުރު މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ "މާލޭ ސިޓީ ކައުންސިލް" ޖަހާފައިވާ ނަންބޯޑު ގެންދިއުމުން ފުލުހުންނަށް މިހާރު ރިޕޯޓުކޮށްފައިވާ ކަމަށާއި "މާލޭ ސިޓީ ކައުންސިލް ވައިޓަލް ރެޖިސްޓްރޭޝަން" ސެކްޝަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ. އަދި މިގޮތައް ނަންބޯޑު ގެންދިއުމުން ތަަނަށް، އެއްވެސް ރައްކާތެރިކަމެއް ނެތްކަން ހާމަވާ ކަމަށާއި އެގޮތުން ތަނުގައި ހުރި ލިޔެކިޔުންތަކާއި އަދި މުދަލަށް ޒިންމާނުވާނެ ކަމަށްވެސް ފުލުހުންނަށް ދަންނަވާފައިވާނޭ ކަމަށެވެ.
މޭޔަރު ޝިފާ ވިދާޅުވީ މާލޭ ދަފްތަރުގެ މަސައްކަތަކީ ހުއްޓުމެއްނެތި ސިޓީ ކައުންސިލުން ކުރަމުން ގެންދާ ކަމެއް ކަމަށެވެ. ދާދިފަހުން "ދަފްތަރުގެ މަސައްކަތްތައް ހައުސިންގ މިނިސްޓްރީ އިން ނުކުރާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ" ކަމަށް ޝިފާ ވިދާޅުވިއެވެ. ޝިފާ އިތުރަށް ވިދާޅުވީ "އަަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވަނިކޮށް، ސަރުކާރުން ވޯޓުލާ މީހުންގެ ލިސްޓަށް ނުފޫޒު ފޯރުވާކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ."
Malecity vital registration nanboard badhalkohfi housing ministry staafaku dhaadhidhenme. Adhi ehves liyekumeh badhalkohfakaaehneh.@raajjemv @Sangu_tv @Simwarr
— Shifa Mohammed (@etna295) July 3, 2018
މިކަމާ ބެހޭގޮތުން ހައުސިންގ މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ޝިފާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބު މިހާ ގާތްވެފައި އޮއްވާ ހައުސިންގ މިނިސްޓްރީން, މީހުންގެ ޒާތީ މައުލޫމާތު ހުރި ތަނަކާދޭތެރޭ މިފަދައިން ކަންކަން ކުރުމަކީ ވަރަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލް ވައިޓަލް ރެޖިސްޓްރޭޝަން" ސެކްޝަން އިން ކުރާ ކަންކަމުގެތެރޭގައި މާލެއަށް އަލަށް އުފަންވާ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ހަދައިދިނުމާއި، އުފަން ދުވަހުގެ ސެޓްފެކިޓް ގެއްލިއްޖެ ނަމަ އާކޮށްދިނުމާއި އަދި މާލޭގެ ރަށްވެއްސެއް ނިޔާވެއްޖެނަަމަ، އެ މައޫލޫމާތު ހިއްސާކުރުމުން ގޭގެ ރެޖިސްޓްރީ އިން އުނިކުރުން ފަދަ ކަންކަން ހިމެނެއެވެ.