ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިިއެވެ.
ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ޝަރީއަތް ކުރަން ތާވަލު ކޮށްފައިވާ ދެ މައްސަލައިގެ ތެރެއިން އެންމެ ފުރަތަމަ މައްސަލައެއް ގޮތުގައި ޝެޑިއުލް ކޮށްފައި އޮތީ ފާރިސަށް ކުރާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެވެ. ބުދަ ދުވަހުގެ 11:00އަށް ތާވަލު ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާގައި ބުނެފައި ވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގާނޫނާ ހިިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ބޭފުޅުންގެ ތެރެއިން ފާރިސްއަކީ އެކަންކަމުގެ މޭސްތިރިޔާ ކަަމެވެ.
އެ ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފައެވެ. ޓެރަރިޒަމްގެ އެ ދައުވާއާ ގުޅިގެން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ. އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިން ކަމަށް ބުނެ ވެސް ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް އުފުލާފައިވެއެވެ. އެ މައްސަލާގައި ރިޝްވަތު ލިބުނު ކަމަށް ބުނާ މީހާ ވަނީ ފާރިސް ރިޝްވަތު ނުދޭ ކަމަށް ބުނެ ކޯޓުގައި ހެކިބަސްދީފައެވެ. އަދި އެ ހެކިބަހަށް ފަހު އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވައެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމް، އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ފާރިސް، އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންގްރެސް ބޭއްވި މައްސަލާގައި ޝަހުސު އޮޅުވާލުމުގެ ކުށް އޭނާގެ މައްޗަށް ވަނީ ސާބިތު ކޮށްފައެވެ. މިދިޔަ ބުދަ ދުވަހު އޭނާއަށް އިއްވި އެ ހުކުމާ ގުޅިގެން ފާރިސް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.