ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ, ހއ. ބާރަށު ރަމްލާ އަހުމަދު ނިޔާވެއްޖެއެވެ.
އުމުރުން 83 އަހަރުގައި ރަމްލާ ނިޔާވީ މުސްކުޅި ބަލީގައި އައިޖީއެމްއެޗުން ފަރުވާ ހޯދަމުންދަނިކޮށެވެ.
ރަމްލާއަކީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި މުޅި ރާއްޖެއިން ހޮވާލެވުނު އެންމެ ރީތި އަންހެން ކުދިން ބައިވެރިކޮށްގެން 1953 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ރީތީގެ ރާނީގެ މުބާރާތުން އެއްވަނަ އަށް ހޮވުނު ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީއެވެ.
ރަމްލާގެ ހަގު ދަރި، ޒޫނާ މުސްތަފާ "ރާއްޖެއެމްވީ"އަށް ބުނީ މަންމަ ހާލަތު ދަށް ވާތީ، ދޭތެރެ ދޭތެރެ އިން އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އަންގާރަ ދުވަހުގެ ހެނދުނު 9 ޖަހަން އުޅެނިކޮށް ރަމްލާ ނިޔާވީ ރޯދަ މަހުން ފެށިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ޒޫނާ ބުންޏެވެ.
ޒޫނާ ބުނީ މަންމަ ނިޔާވިއިރު، ރަނގަޅަށް ނުކެވޭ ކަމަށާއި ގައިގެ ހަކަތަ ވެސް ރަނގަޅަށް ނުހުންނަ ކަމަށެވެ. ނަމަވެސް އަންގާރަ ދުވަހުގެ ހެނދުނު މަންމައަށް ބޭހާއި ފެން ދީފައި އެނބުރި އައިއިރު، މަންމަ ނިޔާވެފައިވާ ކަމަށް ޒޫނާ ބުންޏެވެ.
ރަމްލާ ދެ ކައިވެންޏެއް ކުރިއެވެ. ނިޔާވިއިރު ފިރިމީހާ އާއި ހަތް ދަރިން ވެސް ދުނިޔޭގައި އެބަ ތިއްބިއެވެ. ރަމްލާގެ ތިބެނީ އެއް ފިރިހެން ކުއްޖަކާއި ހަ އަންހެން ކުދިންނެވެ.
ދިވެހި ދައުލަތުން އިންތިޒާމުކޮށްގެން ރާއްޖޭގައި މިހާތަނަށް ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ބޭއްވީ އެއް ފަހަރުއެވެ. ރަމްލާ ނިޔާވުމާ ހަމައަށް އެއީ ރާއްޖޭގެ ފުރަތަމަ އަދި ރާއްޖޭގެ ހަމައެކަނި ރީތީގެ ރާނީއެވެ.