ށ. މިލަންދޫ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމިން އަންގާރަ ދުވަހު ފައްޓަވާދެއްވައިފިއެވެ.
ދައުލަތުގެ ބަޖެޓުން 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން މިލަންދޫއަށް ކުރެއްވި ދަތުރެއްގައި އެރަށުގެ ރައްޔިތުން ބޭނުންވާ އެތައް ޚިދުމަތެއް ސަރުކާރަށް ހުށަހެޅި ކަމަށާއި، އޭގެ ތެރެއިން ގިނަ ޙިދުމަތްތައް މިހާރު ވަނީ ގާއިމުކުރެވިފައި ކަމަށެވެ.
އެގޮތުން އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެސް ގާއިމް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި ނަރުދަމާ ނިޒާމުގެ މި މަޝްރޫއުގެ ދަށުން މިލަންދޫގައި ވަނީ ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 13.2 ކޮލި މީޓަރުގެ ނަރުދަމާގެ ވިއުގައެއް ގާއިމުކޮށްފައެވެ. އަދި އެރަށުގެ 700 ގޭބިސީއަށް މި ހިދުމަތް ދޭން ފަށާފައިވާއިރު ރަށުގައި އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅި އަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިލަންދޫގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ 19 އޮގަސްޓް 2014 ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ މާޗްމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަނީ ބޭނުން ކުރަމުންނެވެ.
މީގެ އިތުރުން މިލަންދޫގައި ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ތޯރިގު ވިދާޅުވީ މިމަޝްރޫއު ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި، މިހާރު ކުރިއަށް ދަނީ މަގުމަތީގައި ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.
މިލަންދޫގައި ސާފު ބޯފެނުމުގެ ނިޒާމަކީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ އަގަކީ 46,926,382.76ރ. (ސާޅީސް ހަ މިލިއަން ނުވަލައްކަ ސައްބީސްހާސް ތިންސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަތްދިހަ ހަ ލާރި) އެވެ.
މިމަޝްރޫއުގެ ދަށުން މިލަންދޫގައި 29 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް ގަޑިއަކު 10 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓް ބެހެއްޓޭނެ އެވެ. މި ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 164 ޓަނުގެ ފެން އުފެއްދޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.