މަޖީދީ މަގު ދެފަޅިއަށް ބައިކުރުމުގެ ގޮތުން މިދިޔަ ބުދަދުވަހު ޖަހަން ފެށި ހޮޅިދަނޑިތައް ހަފުތާއެއް ނުވަނީސް ނަގައިފިއެވެ.
އެއްކޮށް ޖަހައި ނުނިމެނީސް ފަސް ދުވަސް ފަހުން އެ ހޮޅިދަނޑިތައް ވަނީ އެއްކޮށް ނަގައިފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހޮޅިދަނޑިތައް ނަގާފައި ވަނީ މަސައްކަތެއް ކުރުމަށްޓަކައި ކެރޭން ދުއްވަން ޖެހިގެން ވަގުތީގޮތުން ކަމަށެވެ. މާލޭގައި އިމާރާތްތައް ކުރުމަށް ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ކެރޭން ފަދަ ބަރު ވެހިކަލްތައް އެއްތަނުން އަނެއްތަނަށް ގެންދާއިރު، މަޖީދީމަގުގައި ޖެހި މި ހޮޅިދަނޑިތައް ނެގީ ކިހާ ދުވަހަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ ހޮޅިދަނޑިތަ ނުނަގައި ކެރޭން ފަދަ ބަރު ވެހިކަލްތައް ދުއްވަން ޖާގައެއް ނުލިބެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް މިދިޔަ ބުދަދުވަހު ވިދާޅުވީ އެއީ އެކްސިޑެންޓް މަދުކޮށް ޓްރެފިކް ޖޭމްވުން ކުޑަކުރުމުގެ ގޮތުން ޖަހަން ފަށާފައިވާ ހޮޅިދަނޑިތަކެއް ކަމަށެވެ. ނަމަވެސް އެ ހޮޅިދަނޑިތައް ޖެހުމާ ގުޅިގެން އެ ސަރަހައްދުގައި ޓްރެފިކް އިތުރަށް ގޯސްވެ ތޮއްޖެހުން ބޮޑުވުމުން ގިނަ ބައެއް ފަޑުކިޔުން ވަނީ އަމާޒުވެފައެވެ.
ގާތްގަނޑަކަށް ދެ ފޫޓް ބައި އުސްމިނުގެ މި ހޮޅިދަނޑިތައް އޭރު ހުރީ ބިމަށް ހަރުކޮށްފައެވެ. އޮރެންޖް ކުލަ އާއި ހުދުކުލައިގަ ހުންނަ މި ހޮޅިދަނޑިތަކުގައި އަލިއެޅުމުން ދުރަށް ފާޅުވާ ފަދަ ފަށަލައެއް ހުރެއެވެ.
މިހޮޅިދަނޑިތައް ފުރަތަމަ ޖަހާފައި ވަނީ މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި ގުޅުނު ސަރަހައްދުން މަޖީދީމަގުގެ ދެކޮޅުގައެވެ. ނަމަވެސް މަޖީދީމަގުގެ އެހެން ހިސާބުތަކުގައި ވެސް އެފަދަ ހޮޅިދަނޑިތައް ޖެހުމުގެ މަސައްކަތް އޭރު ދިޔައީ ކުރަމުންނެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިދިޔަ ހަފުތާގެ ބުދަދުވަހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެހެން މަގުތަކުގައި ވެސް މިގޮތަށް ހޮޅިދަނޑި ޖަހާނެ ކަމަށާއި މަގުގައި ދުއްވާ އެއްޗިއްސަށް ދެން ދަތުރު ކުރެވޭނީ ހޮޅިދަނޑިތަކުގެ ދެފަރާތުން މަގުގެ ދެފަރާތަށް ވާގޮތަށް ކަމަށެވެ.
މިހޮޅިދަނޑިތައް ނަގާފައިވާއިރު މިސަރުކާރުން ކުރާ ގިނަ ކަންތައްތަކެއް ދެފަހަރަށް ނުވަތަ އެއަށް ވުރެ ވެސް ގިނައިން ކުރަންޖެހޭތީ ރައްޔިތުން ދަނީ ފާޑު ކިޔަމުންނެވެ.