ބެލެނިވެރިން އިސްނަގައިގެން އިމްތިހާނަށް ހޭލުންތެރިކުރުވުމަށް އިސްކަންދަރު ސްކޫލުގެ ގުރޭޑް 10 ގެ ދަރިވަރުންނަށް ބާއްވާ "މޯޓިވޭޝަން ސެޝަން" އަކަށް، ގްރޭޑް 10 ގެ ކޮންމެ ކުއްޖަކު އަތުން 200ރ. ނަގަން ނިންމައިފިއެވެ.
ރާއްޖެ އެމްވީއަށް ވެސް ކޮޕީ ލިބިފައިވާ މެސެޖެއްގައި، ބުނެފައި ވަނީ އިސްކަންދަރު ސްކޫލުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "މޯޓިވޭޝަން ސެޝަން"ގެ ޚަރަދަށް ގްރޭޑް 10 ގެ ކޮންމެ ކުއްޖަކު އަތުން 200ރ. ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެފައިސާ ބަލައިގަތުމުގެ އިންތިޒާމް ސްކޫލުގައި ހަމަޖެހިފައިވާއިރު ފައިސާ ދެއްކި ކަމަށް ސޮއިކުރުމަށް އެދޭ ކަމަށް ވެސް އެ މެސެޖްގައި ބުނެފައި ވެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެސެޝަންތަކަކީ އިމްތިހާނަށް މޯޓިވޭޓް ކުރުމުގެ ގޮތުން ބާއްވާ ސެޝަންތަކެއް ކަމަށާއި އެއީ ބެލެނިވެރިން އެދިގެން ބެލެނިވެރިންގެ މަޝްވަރާގެ މަތިން ބެލެނިވެރިންނާއި ސްކޫލާ ގުޅިގެން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ އިމްތިހާނަށް ތައްޔާރުކޮށްދިނުމާއި އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ސެޝަންތަކެއް ކަމަށާއި މިދިޔަ އަހަރު ވެސް މިފަދަ ސެޝަންތަކެއް ބާއްވާފައިވާއިރު އެއީ ވަރަށް ކާމިޔާބު ކަމެއްގެ ގޮތުގައި ބެލެނިވެރިންނާއި ސްކޫލަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެސެޝަންތަކަކީ ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ ސެޝަންތަކެއް ކަމަށާއި ކިޔަވައި ދެއްވާނީ ބޭރުގެ ތަޖްރިބާކާރު ބޭފުޅުން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ ސްކޫލުން އެއްވެސް ވަރަކަށް ފައިސާ ނެގުމާއި ފައިސާއާ ހަވާލުވުމުގެ ކަމެއް ނުކުރައްވާނެ ކަމަށާއި ހަމައެކަނި ކުރައްވާނެ ކަމަކީ މީހުން ގެނައުމާއި އެކަމަށް އެހީތެރިވެދެއްވުން ކަމަށެވެ. އަދި މިކަމަކީ ސީދާ ބެލެނިވެރިން އެދިގެން ބެލެނިވެރިން ކުރައްވާ ކަމެއް ކަމަށާއި ގެންނަ މީހުންގެ ޚަރަދާއި އެމީހުންނަށް ފީއެއް ދޭން ޖެހޭނަމަ އެކަމަކީ ސީދާ ބެލެނިވެރިންގެ ބެލުމުގެ ދަށުން ބެލެނިވެރިން ކުރައްވާ ކަމެއް ކަމަށެވެ.
ހުސައިން ސައީދު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާވެސް ނަގާނީ ބެލެނިވެރިންގެ މަޝްވަރާގެ މަތިން ކްލާސްތަކުގެ މަންދޫބުން ކަމަށާއި ސްކޫލުން ފައިސާ ބެލެހެއްޓުމުގެ ކަންކަންވެސް ނުކުރައްވާނެ ކަމަށެވެ. އަދި މިދިޔަ އަހަރުވެސް އެކަން ކުރެއްވީ އެހެން ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަށް މެސެޖް ފޮނުވުމާއި ބެލެނިވެރިންގެ މެދުގައި އެމައުލޫމާތު ޝެއަރ ކުރުންފަދަ ކަންކަންވެސް ހިންގަމުންދާނީ ބެލެނިވެރިން ކުރާ ކަމެއްގެ ގޮތުގައި ޕީޓީއޭއިންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލްވެސް ވިދާޅުވީ ގެންނަ ބޭރުގެ ފަރާތްތަކަކީ އެޑިއުކޭޝަނުންވެސް ކުރިން ގެނެސްފައިވާ ޤާބިލް ބޭފުޅުން ކަމަށާއި މިފަހަރު މިކަން ކުރައްވަނީވެސް ކުރީއަހަރުގެ ތަޖްރިބާއަށް ބަލާފައި ސީދާ ބެލެނިވެރިންގެ އެދުމުގެ މަތިންކަމަށެވެ.