ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކު ނެރޭއިރު، އެ ބޭފުޅަކު ކަނޑައަޅާނީ ޕާޓީގެ ބާނީ, ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކެވި ޖުމްހޫރީ ޕާޓީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މަހުގެ ދިހައެއް ހިސާބުގައި ރަނިންމޭޓަކު ކަނޑައަޅާނެއެވެ.
ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ފަރާތުން ކަމަށްވާއިރު، އެ ޕާޓީން އެ މަގާމަށް ހޮނިހިރު ދުވަހު ކަނޑައަޅާފައި ވަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
އިބޫއާ އެކު ނެރޭނެ ރަނިންމޭޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރާނީ ޖޭޕީގެ ކައުންސިލުން ކަމަށާއި ނަމަވެސް، ކައުންސިލްގެ ނިންމުން ދާނީ، ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް ބޭނުންފުޅުވާ ގޮތަށް ކަމަށް އެޕާޓީގެ އޮފިޝަލުން ވިދާޅުވިއެވެ.
"ގާސިމް ބޭނުންފުޅުވާ ބޭފުޅަކު ރަނިންމޭޓަކަށް ކައުންސިލުން ވެސް ކަނޑައަޅާނީ. އެކަމަށް މާގިނަ ދުވަހެއް ދެން ނުވާނެ. މި މަހުގެ ދިހައެއް ހިސާބުގައި އެކަން ކަނޑައެޅޭނެ،" ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.
ރަނިންމޭޓްގެ މަގާމަށް ފައި ނަންގަވާފައިވާ ބޭފުޅުންގެ ތެރޭގައި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި ޑރ. އަބްދުﷲ މައުސޫމާއި، ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ފުލުހުންގެ ހިދުމަތުގައި ވެސް އުޅުއްވި މުހައްމަދު ފަޔާޒު (އެފްއޭ) ގެ އިތުރުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވެސް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ރަނިންމޭޓްކަން ދެއްވުމަށް ތާއިދުކުރައްވާ ކަމަށް، އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލް ބައެއް މެންބަރުން ވެސް ވަނީ އެކަން ހާމަކޮށްފައެވެ. ނަމަވެސް މިދިޔަ މަހު ފަހުކޮޅު ބޭއްވި ޖޭޕީގެ ކޮންގްރެސްއާ ޖެހެންދެން ސިޔާސީ ދާއިރާ އިން އެއްވެސް މިންވަރަކަށް ފެނިފައި ނުވާ އާއިޝާ އަށް އެ މަގާމު ހައްގު ނޫން ކަމަށާއި އޭނާ އަށް ރަނިން މޭޓްކަށް ދީފި ނަމަ ވޯޓުލާން ނުނިކުންނާނެ ކަމަށް ބުނެ ސިޔާސީ އަދި ސޯޝަލް މީޑިއާގެ ވަރުގަދަ ބައެއް އެކްޓިވިސްޓުން ގެންދަނީ އެންޓި ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.
މި ބޭފުޅުން މަގާމު ބޭނުންފުޅުވާކަން ރަސްމީކޮށް ހާމަނުކުރެއްވި ނަމަވެސް ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިން ކުރަމުންނެވެ.