ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ފާލަމަކުން ގުޅާލެވޭ ގޮތަށް އެއް ފަޅެއްގެ ތެރޭގައި ހުރި މީހުން ދިރިއުޅޭ ރަށްތައް ފާހަގަކޮށް އެ ރަށްތައް އެއްރަށް އަނެއް ރަށާ ފާލަމަކުން ގުޅާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ވައުދު ވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރުނު "ވައުދު ނާމާ" ފޮތުގައި ދަތުރު ފަތުރުގެ ނިޒާމާ ގުޅޭ ގޮތުން ވެސް ވަނީ ވައުދުތަކެއް ވެފަ އެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ ކުރާނެ ކަމަށް ވަނީ ވައުދު ވެފައެވެ. ހަމަ އެހެންމެ ގެސްޓްހައުސް ވިޔަފާރި އިތުރަށް ކުރިއެރުވުމާއި މުޅި ރާއްޖެއަށް ފުޅާ ކުރުމަށްޓަކައި ގެސްޓުންގެ އަތުން އެތެރޭގެ އުދުހުންތަކަށް މިހާރު ނެގެމުންދާ އިންތިހާއަށް ބޮޑު އަގުތައް އެމީހާއަށް ބުރައަކަށް ނުވާވަރަށް ތިރިކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެއާޕޯޓްތަކާއި އަތޮޅުތަކުގެ ފެރީނިޒާމާއި ގުޅާލައި މުޅި ރާއްޖެއަށް ހުރަހަކާނުލާ ދަތުރުފަތުރު ކުރެވޭނެ ލުއިފަސޭހަ ނިޒާމް ގާއިމު ކުރެވޭނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ހަމައެހެންމެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މުދާ އުފުލުމަށް ބޭނުންކުރާ ސަޕްލައި ފެރީތައް ތައާރަފު ކުރާނެ ކަމަށް ވެސް ވަނީ ވައުދުވެފަ އެވެ. އަދި އޭގެ ތެރެއިން ކޮންމެ ރަށެއްގައި ފެރީ ޓަރމިނަލެއް ގާއިމުކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. ރަށްރަށުގެ ހުރިހާ ބަނދަރެއް ހަދާ ނިމި އެތަންތަނަކީ އިގްތިސާދީ ހަރަކާތްތައް ހިނގާ ބާޒާރު ބަނދަރަކަށް ހެދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.