ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 19:33
ސަލާހު ވަނީ ލިވަރޕޫލައަށް ޕްރިމިއަރ ލީގްގައި 32 ގޯލް ޖަހައިދީފައި
ސަލާހު ވަނީ ލިވަރޕޫލައަށް ޕްރިމިއަރ ލީގްގައި 32 ގޯލް ޖަހައިދީފައި
ރޮއިޓަރސް
އިނގިރޭސި ޕްރިމިއަރ ލީގު
މުހައްމަދު ސަލާހު ލިވަރޕޫލްގެ ކޮންޓްރެކްޓް އިތުރު 5 އަހަރަށް އައުކޮށްފި
ރިލީޒް ކްލޯޒްއެއް ކޮންޓްރެކްޓްގައި ނެތް
ޓީމުން ސަލާހަށް އިތުބާރުކުރާކަން މިއިން އެނގޭ: ކޯޗް

މިސްރުގެ ބައިނަލްއަޤްވާމީ ފޯވަޑް މުހައްމަދު ސަލާހު އޭނާ ކުޅެމުން އަންނަ ޕްރިމިއަރ ލީގްގެ ލިވަރޕޫލްއާއިއެކު ހަދާފައިވާ އެއްބަސްވުން އިތުރު 5 އަހަރަށް އިތުރުކޮށްފިއެވެ.

އިޓަލީގެ އޭއެސް ރޯމާއިން ލިވަޕޫލަށް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ ސީޒަންގައި ބަދަލުވި އުމުރުން 26 އަހަރުގެ ސަލާހުވަނީ އޭނާ އެކްލަބަށް ކުޅުނު 52 މެޗުގައި 44 ގޯލް ޖަހާފައިވެއެވެ. ޕްރިމިއަރ ލީގްގެ ނިމިިދިޔަ ސީޒަންގައި ލިވަރޕޫލަށް 32 ގޯލް ކާމިޔާބުކޮށްދީގެން ސަލާހުވަނީ ސީޒަންގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމާއެކު އިނގިރޭސި ޕްރިމިއަރ ލީގްގެ ރަން ބޫޓު ހާސިލްކޮށްފައެވެ. 2023 ވަނަ އަހަރާއި ހަމަޔަށް ލިވަރޕޫލްގައި މަޑުކުރުމަށް ސަލާހު ސޮއެކުރިއިރު، އޭނާގެ އެއްބަސްވުމުގައި ރިލީޒް ކްލޯޒެއް ނެތެވެ. 

ސަލާހުގެ ކޮންޓްރެކްޓް އިތުރުކުރުމާއި ގުޅިގެން ލިވަރޕޫލްގެ ކޯޗް ޖަރގެން ކްލޮޕް ބުނީ އެއިން ދައްކައިދެނީ 2 ކަމެއްކަމަށެވެ. ފުރަތަމަ ކަމަކީ ކްލަބާއި މެދު ސަލާހު އިތުބާރުކުރާކަން ކަމަށާއި، ދެވަނަ ކަމަކީ ކްލަބުން އޭނާއާއިމެދު އިތުބާރު އޮތުންކަމަށެވެ. އަދި އެންފިލްޑްގައި ހުނަރުވެރި ކުޅުންތެރިންނަށް ޖާގައާއި ފުރުސަތު އެބައޮތްކަމަށް ދައްކަން ބޭނުންވާކަމަށް ކްލޮޕް ބުންޏެވެ.

ސަލާހުގެ މިިދިޔަ ސީޒަންގެ ކުޅުމަށް ބަލައި އިނގިރޭސި އެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ފުޓްބޯޅަ ނޫސްވެރިންގެ ޖަމްއިއްޔާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ސަލާހަށް ދީފައިވެއެވެ. 

ސޮއެކުރުމަށްފަހު ސަލާހު ބުނީ ކްލަބުގައި މަޑުކުރަން ބޭނުންވާކަމަށާއި، މިދިޔަ އެއް އަހަރު ލިވަރޕޫލްގައި ކުރެވުނީ ރަނގަޅު ތަޖުރިބާއެއްކަމަށެވެ. އަދި ޓީމާއި، ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް އޭނާ ބުންޏެވެ. 

ލިވަރޕޫލް މިދިޔަ ސީޒަން ނިންމާލީ އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ 4 ވަނައިގައި އޮވެގެންނެވެ. އަދި ޗެމްޕިއަންސް ލީގް ފައިނަލުގައި ރެއާލް އަތުން އެޓީމު ބަލިވީ 3 - 1 އިންނެވެ. ޔޫކްރެއިންގެ ކިއެވްގައި ކުޅުނު އެމެޗުގައި ސަލާހުގެ ކޮނޑު ހުޅަށް އަނިޔާވެ، ވާރލްޑް ކަޕްގައި އޭނާއަށް ނުކުޅެވިދާނެކަމަށް ބެލެވުނެވެ. ވާރލްޑް ކަޕް ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި 1 - 0 އިން އުރުގުއާއީ އަތުން މިސްރު ބަލިވި މެޗުގައި ސަލާހަށް ނުކުޅެވުނެވެ. އެހެން ނަމަވެސް އޭގެ ފަހުން ސަޢޫދީ ޢަރަބިއްޔާ އާދި ރަޝިޔާއާއި ދެކޮޅަށް ކުޅުނު މެޗުތަކުގައި ކުޅެ، ސަލާހު ވަނީ ކޮންމެ މެޗެއްގައިވެސް ލަނޑު ޖަހާފައެވެ. އެހެންނަމަވެސް މިސްރަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއް ނުވިއެވެ. 

އައު ސީޒަނަށް ތައްޔާރުވުމަށް ހޯމަ ދުވަހު ލިވަރޕޫލްއިން ވަނީ ޕްރެކްޓިސް ފަށާފައެވެ. އެހެންނަމަވެސް ހޯމަ ދުވަހުގެ ޕްރެކްޓިސްގައި ސަލާހު ފެނިފައެއް ނުވެއެވެ. އަދި ނެދަރލެންޑްސްގެ ކުޅުންތެރިންކަމަށްވާ ވަރޖިލް ވެންޑައިކް އަދި ޖޯޖީނިއޯ ވިނަލްޑަމް އާއި ވާރލްޑް ކަޕްގައި ކުޅޭ އެހެން ކުޅުންތެރިންވެސް ފެނިފައެއް ނުވެއެވެ. 

ލިވަރޕޫލްއިން އަލަށް ގެނައި ދެ ކުޅުންތެރިންކަމަށްވާ ނަބީ ކެއިޓާ އަދި ފަބީނިއޯ ވަނީ ހޯމަ ދުވަހު ޕްރެކްޓިސްގައި ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް