އިހްލާސްތެރިކަމާއި އެކު ނައިބް ރައީސެއްގެ ވާޖިބު އަދާކުރާނެ އެކަށީގެންވާ ގާބިލް ބޭފުޅަކީ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސެއިން ކަމާއި މެދު ސައްކު ނުކުރައްވާ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެންބަރު އަލީ ހުސެއިންނަކީ ސުކޫލް ދައުރުން ފެށިގެން އޭނާ ދަންނަ ރަޙުމަތްތެރިއެއް ކަމަށެވެ. އަލީ ހުސެއިންނަކީ ހުލްގު ހެޔޮ އަޙުލާގު ރަނގަޅު ދޫ ފަސޭހަ ބޭފުޅެއްކަން ފާހަގަ ކުރައްމުން ނިޔާޒު ވިދާޅުވީ އިޙްލާސްތެރިކަމާއި އެކު ނައިބް ރައީސްގެ ވާޖިބް އަދާކުރަން އެކަށީގެންވާ ބޭފުޅަކީ އަލީ ހުސެއިން ކަމަށެވެ.
MP Ali Hussain @aleevoice akee school dhaurun feshigen alhugandu dhanna adhi gaiy rahumaiytheri beyfulheh. Khulqu heyo akhulaaq rangalhu dhoo faseyha beyfulheh. Ikhlaastherikamaa eku VP egge vaajib adhaakuraane, maqaamah ekasheegenvaa qaabil beyfulheh kamaa medhu shakkeh nukuran. https://t.co/lAxkkbGxiC
— Niyaz Ibrahim (@niyaz_ibrahim) July 2, 2018
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ދަނީ އަލީ ހުސެއިން ރަނިންމޭޓަކަށް ގެންނަން ފެންނަކަން ހާމަކުރައްވަމުންނެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް ވަނީ އެއްބަސް ވެފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި، އެމްޑީޕީއާއެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށެވެ. އެމްޑީޕީގެ ކެނޑިޑޭޓަކަށް އެޕާޓީގެ ޕާލަމެންޓްރީ ގުރޫފްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންތިހާބުކުރުމާއި ގުޅިގެން، ރަނިންމޭޓަކަށް ނެރޭނެ ބޭފުޅެއް ޖުމްހޫރީ ޕާޓީން ކަނޑައަޅަން ޖެހިފައިވާތީ، އެޕާޓީގެ މެންބަރުން ދަނީ އެކި ބޭފުޅުންނަން ތާއީދުކޮށް ޝުއޫރު ފާޅުކުރަމުންނެވެ.
ރަނިން މޭޓަކަށް ވުމަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކުރީގެ މިނިސްޓަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމާއި، ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށް، އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ޖޭޕީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑރ. ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ކަނޑައެޅުމާއެކު، ރަނިން މޭޓެއް ކަނޑައެޅުން ވަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމުގެ އިޖުރާއަތްތަކާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.