ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 03:35
ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް
ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް
ރާއްޖެ އެމްވީ
ފީފާ ވާރލްޑް ކަޕް 2018
ކްރޮއޭޝިއާގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މޮޑްރިޗް
މިއަހަރުގެ ވާރލްޑް ކަޕްގައި މޮޑްރިޗް ވަނީ ދެ ލަނޑު ޖަހާފައި

ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗްއަކީ އެގައުމުގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބާސެލޯނާއަށް ކުޅޭ އެގައުމުގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ދެވަނަ ބުރަށް ކްރޮއޭޝިއާ ކޮލިފައިވެފައިވާއިރު މިހާތަނަށް މޮޑްރިޗް ވަނީ އެޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. ބާސެލޯނާގައި އަންދްރޭސް އިނިއެސްޓާއާއެކު ކުޅުނު ރަކިޓިޗް ވަނީ މޮޑްރިޗްއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކާފައެވެ.

ރަކިޓިޗް ބުނީ މޮޑްރިޗްއަކީ ދަނޑުމަތީގައި އޭނާ ކުޅޭ މަގާމަށް ކުޅޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިޔެއް ކަމަށް ދެކޭ ކަމަށެވެ. އެހެން ޕްލެނަޓަކަށް ނިސްބަތްވާ ކުޅުންތެރިޔަކާއެކު ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ ފުޓްބޯޅަ ޓީމެއް ހަދާނަމަ އެންމެ ފުރަތަމަ ނަމެއްގެ ގޮތުގައި އޮންނާނީ މޮޑްރިޗްގެ ނަން ކަމަށެވެ.

އޭނާ ބުނީ މޮޑްރިޗްއަކީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާއަކީ ވަރަށް ވަރުގަދަ ލީޑަރެއް ކަމަށެވެ. ހަމައެހެންމެ އޭނާގެ ފަހަތުން ކްރޮއޭޝިއާއިން މަސައްކަތްކުރާނެ ކަމަށާއި އޭނާއަށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ މެދުގައި ވެސް އިތުބާރު އެބައޮތް ކަމަށެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި ކްރޮއޭޝިއާ ހިމެނުނީ މަރުގެ ގްރޫޕްގައި ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެޓީމުން ވަނީ ގްރޫޕްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ދެވަނަ ބުރުގައި ކްރޮއޭޝިއާ ނުކުންނާނީ ޑެންމާކާއި ދެކޮޅަށެވެ. މި މެޗު ކުޅެނީ މިރޭ ރާއްޖެ ގަޑިން 2300 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް