ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 03:31
ލިއޮނެލް މެސީ އާޖެންޓިީނާގެ ޖާޒީގައި
ލިއޮނެލް މެސީ އާޖެންޓިީނާގެ ޖާޒީގައި
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ފާއިތުވެދިޔަ 10 އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ
ޕޮގްބާ ބުނީ މެސީއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް
އާޖެންޓީނާ ކެޓުމާއެކު ބައިނަލްއަގްވާމީ ފުޓްބޯޅައިން މެސީ ރިޓަޔާކުރާނެ ކަމަށް ރިޕޯޓްތައް ބުނޭ
އޭނާއަށް ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވޭ

ފާއިތުވެދިޔަ 10 އަހަރުގެ ތެރޭ ކުޅުނު އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި 4-3 އިން އާޖެންޓީނާގެ މައްޗަށް ފްރާންސް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މި މެޗުގައި ޕޮގްބާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މި މެޗަކީ އަންނަ އޮތް އަހަރުތަކަށް ކުޅުންތެރިން ފެނިގެންދިޔަ މެޗެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ ފްރާންސްގައި މިވަގުތު އޮތް ސްކޮޑްގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިންނަށްވުމާއެކު އެކުޅުންތެރިންނަނީ ކުރިޔަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ 'ޑޯމިނޭޓް' ކުރާނެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ޕޮގްބާ ބުނީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. މެސީއަކީ އަބަދުވެސް ނަމޫނާއެއްގެ ގޮތުގައި ބަލާ ކުޅުންތެރިޔެއް ކަމަށާއި ބޯޅައާއެކު އޭނާ ކުރާ ކަންކަމަކީ ވަރަށް ތަފާތު ކަންކަން ކަމަށް ޕޮގްބާ ބުންޏެވެ.

2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެސީގެ ބާސެލޯނާއިން ޔުވެންޓަސް ބަލިކޮށް ތަށި އުފުލާލި މެޗުގައި ޕޮގްބާ ޔުވެންޓަސްއަށް ކުޅުނެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޕޮގްބާ ބުނީ އެއަހަރުގެ ފައިނަލުން ބަލިވި ދުވަސްތައް ހަނދާނުގައި އެބަހުރި ކަމަށާއި އެހެން ނަމަވެސް މިފަހަރު މެސީގެ މައްޗަށް ކުރި ލިބުމަކީ ލިބޭ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ވާރލްޑް ކަޕްއިން އާޖެންޓީނާ ކެޓުމާއެކު ބައިނަލްއަގްވާމީ ފުޓްބޯޅައިން މެސީ ރިޓަޔާކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޕޮގްބާ ބުނީ މެސީ ފަދަ ކުޅުންތެރިންނަކީ މީހުން ފުޓްބޯޅަ ބަލާ މައިގަނޑު ސަބަބު ކަމަށާއި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް އޭނާ އެންމެ މޮޅު ކުޅުން ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މެސީ ކުޅޭހޭ ދުވަހަކު އޭނާ ކުޅޭތަން ފެނުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޕޮގްބާ ބުންޏެވެ.

ހަމައެހެންމެ މިއީ މެސީގެ އެންމެފަހު ވާރލްޑް ކަޕަށްވި ނަމަވެސް އޭނާއަކީ ފުޓްބޯޅަ ދެކެ ލޯބިވާ ކޮންމެ މީހެއް ވެސް އިހުތިރާމްކުރާނެ ކުޅުންތެރިޔެއް ކަމަށާއި އަބަދުވެސް އޭނާގެ ވާހަކަ ލިޔެވޭނެ ކަމަށް ޕޮގްބާ ބުނެފައިވެއެވެ.

މިއަހަރުގެ ވާރލްޑް ކަޕާއެކު ގައުމީ ޓީމަށް މެސީ ކުޅުނު 128 މެޗުގައި ވެސް އޭނާއަށް ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ގައުމީ ޓީމަށް އޭނާ 65 ލަނޑު ޖަހައިދީފައިވާއިރު މިއަހަރުގެ ވާރލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވީ ވެސް އިކުއެޑޯ ކޮޅަށް މެސީ ކާމިޔާބުކުރި ހެޓްރިކާއެކުއެވެ.

2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން އާޖެންޓީނާ ބަލިވުމާއެކު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާ އަލުން އަނބުރާ އެ ނިންމުން ގެންދިޔައެވެ. މިފަހަރުގެ ވާރލްޑް ކަޕާއެކު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ރިޓަޔާކޮށްފައިވާއިރު މިފަދަ އެއްވެސް އިޝާރާތެއް މެސީ ދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
2 ޖުލައި 2018 | ހޯމަ 07:08
Nukiyavaa saaifu
Habaru liyaa meehunnah mauloomaathu neyngumakee haadha dhera kamekey, messi 20 aharun dhashuge worldcup ufulaali captain kamuga hure.