މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބުމާއެކު މި ދާއިރާއިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށް ކުރިއަށް އޮތް ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެން ނިންމާފައިވާ އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.
މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އާއި އެފްއޭއެމް ގުޅިގެން މުޅިން އަލަށް ދޭން ފެށި މޯލްޑިވްސް ފުޓްބޯލް އެވޯޑް ސެންޓޭ ހޯދީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސްއްކޮ) އާއި އީގަލްސްގެ ކެޕްޓަން އިމްރާން ނާޝިދުއާ ވާދަކޮށްގެންނެވެ.
ހޯމަ ދުވަހުގެރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި އެވޯޑް ނައިޓަށް ފަހު ސެންޓޭ ބުނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަކީ މި ކުޅިވަރު ކުޅެން ފެށުނީއްސުރެ އުންމީދުކުރަމުން އައި ކަމެއް ކަމަށާއި އަދި މި އެވޯޑް ލިބުމާއެކު ފުޓްބޯޅައިން އިތުރަށް ކުރިއަށް ދިއުމަށް އާ ހިތްވަރެއް ލިބިއްޖެ ކަމަށެވެ.
ފާއިތުވި ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ސެންޓޭ ބުނީ، ކުރިއަށް އޮތް ސީޒަންގައި ވެސް މިއެވޯޑް ހާސިލްކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސެންޓޭ ހޮވުނު ފުރަތަމަ ފަހަރެވެ. ސެންޓޭ އަށް އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބުނުއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޖުމްލަ 34 ގޯލު ކާމިޔާބުކޮށް މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގޯލްޑަން ޝޫ (ރަން ބޫޓު) ވެސް ހާސިލު ކޮށްފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.