ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 08:32
ޕައުލީނިއޯ ލަނޑު ޖެހުމަށްފަހު ކުޓީނިއޯއާއެކު އުފާފާޅުކުރަނީ
ޕައުލީނިއޯ ލަނޑު ޖެހުމަށްފަހު ކުޓީނިއޯއާއެކު އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: ސާބިއާ ބަލިކޮށް ބްރެޒިލް ދެވަނަ ބުރަށް
ބްރެޒިލް މޮޅުވީ 2-0 އިން
ދެވަނަ ބުރުގައި ބްރެޒިލް ނުކުންނާނީ މެކްސިކޯއާއި ދެކޮޅަށް

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުން ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ސާބިއާ ބަލިކޮށް ބްރެޒިލް ޖާގަ ހޯދައިފިއެވެ.

ގްރޫޕް އީގެ އެންމެފަހު މެޗުގައި ބްރެޒިލްއިން ވަނީ 2-0 އިން ސާބިއާ ބަލިކޮށްފައެވެ. މިއީ މިނިވަން ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ސާބިއާ އިން ބްރެޒިލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ހަމައެހެންމެ ބްރެޒިލް މި މެޗާއި ކުރިމަތިލިއިރު އެޓީމު އެންމެފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ.

މި މެޗާއި ބްރެޒިލް ކުރިމަތިލިއިރު އެޓީމަށް މެޗުން މޮޅުވެގެން ނުވަތަ އެއްވަރުކޮށްގެން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތެވެ. ހަމައެހެންމެ ސާބިއާއަށް ދެވަނަ ބުރަށް ދެވެން އޮތީ ބްރެޒިލް އަތުން މޮޅުވެގެންނެވެ.

ސާބިއާގެ ފުރަތަމަ އެގާރައިން ތިން ބަދަލެއް ފެނިގެންދިޔައިރު ބްރެޒިލް މި މެޗަށް ނެރަފައިވަނީ ކޮސްޓަ ރިކާ އަތުން އެޓީމު މޮޅުވި މެޗުގައި ކުޅުނު ފުރަތަމަ އެގާރައެވެ.

ފުރަތަމަ ހާފު ފެށިގެން ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި ހާފުގައި ބްރެޒިލްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާވުމުގެ ސަބަބުން މާސެލޯ ދަނޑުން ބާލަން ޖެހުމެވެ. ބްރެޒިލްއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 36 ވަނަ މިނެޓުގައެވެ. މި ލަނޑު ފިލިޕޭ ކުޓީނިއޯ ދިން ހިތްގައިމު ޕާހަކުން ޖަހައިދިނީ ޕައުލީނިއޯއެވެ. ފުރަތަމަ ހާފުގެ އެންމެފަހު މިނެޓުގައި ނޭމާ ފޮނުވާލި ހަމަލާއެއް ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބްރެޒިލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ވަކި ހިސާބަކުން ސާބިއާއިން މެޗުގެ ކޮންޓްރޯލް ނަގައި ބްރެޒިލްގެ ގޯލަށް ބާރު ބޮޑުކުރިއެވެ. އެޓީމުގެ މިޓްރޮވިޗް އަދި މިލަންކޮވިޗް ސަވިޗް ފޮނުވާލި ހަމަލާތައް ބްރެޒިލްގެ ކީޕަރު ދިފާއުކުރިއެވެ. މި މެޗުގައި ބްރެޒިލްއިން ޖެހި ދެވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ނޭމާ ނެގި ކޯނަރަކުން ޖަހައިދިނީ ތިއާގޯ ސިލްވާއެވެ. އޭގެފަހުން ވެސް ބްރެޒިލްގެ ނޭމާއަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ސްވިޓްޒަލޭންޑާއި ކޮސްޓަ ރިކާ ކުޅުނު މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ.

މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ހޯދީ ބްރެޒިލްއެވެ. ފަސް ޕޮއިންޓާއެކު ސްވިޓްޒަލޭންޑަށް ދެވަނަ ލިބޭއިރު ތިން ޕޮއިންޓާއެކު ތިންވަނަ ލިބުނީ ސާބިއާ އަށެވެ. މި ގްރޫޕްގެ ފުލަށް އެއް ޕޮއިންޓާއެކު ދިޔައީ ކޮސްޓަ ރިކާއެވެ.

ދެވަނަ ބުރުގައި ބްރެޒިލް ނުކުންނާނީ މެކްސިކޯއާއި ދެކޮޅަށެވެ. ހަމައެހެންމެ ސްވިޓްޒަލޭންޑް ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް