ކ. މާލެ
|
27 ޖޫން 2018 | ބުދަ 18:04
މިސްރުގެ ކޯޗުގެ މަގާމުގައި ހުރި ހެކްޓަރ ކޫޕަރ
މިސްރުގެ ކޯޗުގެ މަގާމުގައި ހުރި ހެކްޓަރ ކޫޕަރ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
މިސްރުގެ ކޯޗު މަގާމު ދޫކޮށްލައިފި
އޭނާ އެމަގާމު ދޫކޮށްލީ މިއަހަރުގެ ވާރލްޑް ކަޕްގައި އެގައުމަށް ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެން

މިސްރުގެ ކޯޗުގެ މަގާމުގައި ހުރި ހެކްޓަރ ކޫޕަރ އެމަގާމު ދޫކޮށްލައިފިއެވެ.

އޭނާ އެމަގާމު ދޫކޮށްލީ މިއަހަރުގެ ވާރލްޑް ކަޕްގައި އެގައުމަށް ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެންނެވެ. 28 އަހަރަށް ފަހު މިއަހަރުގެ ވާރލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރި މިސްރު ގްރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. އެގޮތުން ވާރލްޑް ކަޕްގެ ފުރަތަމަ މެޗުގައި 1-0 އިން އުރުގުއޭ އަތުން މިސްރު ބަލިވިއިރު މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އަތުން ވަނީ 3-1 އިން ބަލިވެފައެވެ. ހަމައެހެންމެ ގްރޫޕް ފިޔަވަހީގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާ އަތުން ވަނީ 2-1 އިން ބަލިވެފައެވެ.

މިސްރު މި ވާރލްޑް ކަޕަށް ދިޔައީ ވަރަށް ގިނަ އުއްމީދުތަކާއެކުއެވެ. އެގޮތުން ވާރލްޑް ކަޕްގެ ކުރިން އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު ސަލާހަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް ފުރަތަމަ މެޗުގައި ކުޅެވިފައެއް ނުވެއެވެ. ހަމައެހެންމެ އެގައުމުގެ ސިޔާސީ ކަންކަމާއި ގައުމީ ޓީމާއި ހުރި ގުޅުމުގެ ސަބަބުން މިސްރުގެ ގައުމީ ޓީމަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ސައުދީ އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޫޕަރ ބުނީ އޭނާގެ ކުރިމަގު އޮތީ މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އަތްމަތީގައި ކަމަށެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ހުރިހާ ޓެކްނިކަލް ސްޓާފުންނާއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި ކޫޕަރގެ މަސައްކަތަށް ޝުކުރު އަދާކުރި ކަމަށެވެ. އެގޮތުން 28 އަހަރަށްފަހު ވާރލްޑް ކަޕްއިން އެގައުމަށް ފުރުސަތު ހޯދައިދިނުމުގެ އިސް މޭސްތިރިޔަކީ ކޫޕަރ ކަމަށާއި އޭނާގެ މަސައްކަތަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ.

ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ކޫޕަރ މަގާމު ދޫކޮށްލާފައިވާއިރު މިއަހަރުގެ ވާރލްޑް ކަޕްގެ ނިޔަލަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނެއެވެ.

މީގެކުރިން އިންޓަ މިލާން އަދި ވެލެންސިއާގެ ކޯޗުކަން ވެސް ކޮށްފައިވާ ކޫޕަރ މިސްރުގެ ކޯޗުގެ މަގާމާއި ހަވާލުވީ މާޗް މަހުގެ 2015 ވަނަ އަހަރުއެވެ. އޭގެފަހުން ވާރލްޑް ކަޕްއިން އެގައުމަށް ޖާގަ ހޯދައިދިނުމުގެ އިތުރަށް ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ވެސް އެގައުމަށް ޖާގަ ހޯދައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް